ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެމްބަރުންނެއް މިހާރު ނުތިއްބަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ ރޭ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން މެމްބަރަކު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމެއް ސާފުކޮށްދެއްވަމުންނެވެ. މަސްވެރިކަމުގެ ބިލު ސަރުކާރުން މަޖިލީހަށް ފޮނުވާފައި އޮތް އިރު އެ ބިލު ފުރިހަމަ ނޫން ކަމަށް އެމްޑީޕީގެ މެމްބަރުން ވެސް ވަނީ މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފަ އެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ގާނޫނު ހެދުމުގެ ބާރު ލިބިގެން ވަނީ ހަމަ އެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުންނަށް އަޅުގަނޑު ފާހަގަކޮށް އަރުވަން އެބަޖެހޭ ގާނޫނު ހެދުމުގެ އެންމެހާ ބާރުތައް ގާނޫނު އަސާސީގެ ތިން ވަނަ ބާބުގައި ލިބިދީފައި ވަނީ މި މަޖިލީހަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލުތައް ތައްޔާރު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ވަޒީރުން ލަފާ ދެއްވަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ. އެހެންނަމަވެސް ގާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ތަކުރާރުކޮށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށާހަޅާ ހަގީގީ އުސޫލު ގާނޫނު އަސާސީގައި އެހާ ސާފުކޮށް ބުނެދީފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ސަރުކާރުގެ މެމްބަރުންނެއް މިއަދަކު ރައްޔިތުންގެ މަޖިލީހަކު ނެތް. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ އަށް މެމްބަރުން ނުވަތަ ރަދުން އައްޔަން ކުރެއްވި އަށް މެމްބަރުން އެއީ ސަރުކާރުގެ މެމްބަރުންގެ ގޮތުގައި ދެކެވިގެން އަޅުގަނޑުމެންނަށް އެމާނަ ކުރެވިގެން އައި." ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރު ހިންގަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީޙުގެ އަޣުލަބިއްޔަތު ރައްޔިތުން ދިނީ ވެސް އެމްޑީޕީއަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމާ މި އިއްޒަތްތެރި މަޖިލީހަށް ސަރުކާރުން ބިލު ހުށަހަޅަނީ އެ ރޫހުގައި. ފްރޭމް ވޯކެއްގެ ގޮތުގައި. ސަރުކާރުން ހުށަހަޅާ ބިލަކަށް ތަނަވަސް ކަމާއި މުއްސަނދި ކަމާއި ފުރިހަމަކަން ގެނައުމުގެ މަސްއޫލިއްޔަތަކީ މިއަދުގެ ސަރުކާރު ދެކޭ ގޮތުގައި އަޅުގަނޑަށް އެއްވެސް ޝައްކެއް ނުހިނގާ ގޮތުގައި މި މަޖިލީހުގެ މަސްއޫލިއްޔަތެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.