ކާބުލް (އޮކްޓޯބަރ 4) : އަފްޣާނިސްތާނުގައި ހުންނަ ނޭޓޯގެ ކޮންޓްރަކްޓަރުންގެ މަރުކަޒަކަށް މިއަދު ހެނދުނު ޖާނުންފިދާވުމުގެ ވަރުގަދަ ޙަމަލާތަކެއްދީ އެތަން ގޮއްވާލައިިފިއެވެ. އަފްޣާން އަމްނާބެހޭ ދާއިރާތަކުން ބުނިގޮތުގައި އަފްޣާނިސްތާނުގެ ހުޅަނގުގައި ހުންނަ ނޭޓޯގެ މިމަރުކަޒަކީ ނޭޓޯއަށް މަދަނީ އަދި ޢަސްކަރީ ޚިދްމަތްތައް ފޯރުކޮށްދޭ ކޮންޓްރަކްޓަރުންގެ ކުންފުންޏެއްގެ އޮފީހެކެވެ.

މިޙަމަލާތަކުގައިއެތަން ވަރަށް ބޮޑަށް ހަލާކުވެ އަލިފާންހިފައި އަނދާފައިވެއެވެ. މިޙަމަލާތަކުގައި މަރުވެފައިވަނީ އެތަން ގާޑް ކުރަންތިބި އަފްޣާން ސިފައިންގެ ދެ މީހުން ކަމަށްވިޔަސް ނޭޓޯ ސިފައިންގެ ދެމީހަކު ވެސް މިިޙަމަލާގައި ޒަޚަމްވިއެވެ. އަފްޣާން ސަރުކާރުން ބުނިގޮތުގައި ގޮވާތަކެތި އަޅާފައިވާ ކާރެއް ގޮއްވާލައި ޖާނުންފިދާވެގެން މިޙަމަލާދީފައިވަނީ ތާލިބާން ހަނގުރާމަވެރިންނެވެ.

މިޙަމަލާއަށްފަހު ހަނގުރާމަވެރިންވަނީ ނޭޓޯއަށް ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދޭ އެކުންފުނީގެ މުވައްޒަފުންތަކެއް ރަހީނުކޮށް ވަގަށްނަގާފައެވެ. ތާލިބާނުން މިހަމަލާތައް ދީފައިވަނީ އަފްޣާނިސްތާނުގެ ދެކުނުގައި ހުންނަ އދ. ގެ އެކުވެންޏަކަށް ޙަމަލާދީ އެތަން ގޮއްވާލިތާ ދެތިންދުވަސްފަހުންނެވެ. މިޙަމަލާތަކުގައި އެއެކުވެނީގައި މަސައްކަތްކުރާ އދ. ގެ 5 މުވައްޒަފަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވިއެވެ.

އަނެއްކޮޅުން ތާލިބާނުން އިއްޔެވަނީ އަފްޣާނިސްތާނުގެ ހިލްމަންދު ސަރަޙައްދުގައި އިނިގިރޭސި ސިފައިންގެ މީހެއްގެ ގަޔަށް ބަޑިޖަހައި އެމީހާ މަރާލާފައެވެ. މިއާއެކު މިއަހަރު ތާލިބާނުންގެ ޙަމަލާތަކުގައި މަރާލެވިފައިވާ ނޭޓޯސިފައިންގެ ޢަދަދުވަނީ 500 އަށް އަރާފައެވެ. -- އަލްޖަޒީރާ