04 Nov 2011, 13:11
މިއަދު ހެނދުނުގެ ވަގުތުގައި މާފަންނު އީދު މިސްކިތް ކައިރީ ހުރި ގެއަކަށް ވަގަކު ވަދެ މޯބައިލް ފޯނާއި ފައިސާތަކެއް ވަގަށް ނަގައިފި އެވެ.
އެގޭގައި ދިރިއުޅޭ މީހަކު ބުނީ މިއަދު ހެނދުނު 8:00 ޖަހާއެހާކަންހާއިރު އެ ގެ އަށް ވަދެ ވައްކަން ކުރީ އެގޭގައި ގެންގުޅޭ އިންޑިއާ އަންހެން މީހާ ފިހާރައަށް ދިޔަ ވަގުތު ކަމަށެވެ. އަދި އެ ވަގުތު އެ އިންޑިއާ މީހާގެ ކޮޓަރި އަށް ވަދެ އެ ކޮޓަރި ރޭގައި އޮތް މޯބައިލް ފޯނަކާއި 100 ޑޮލަރާއި 500ރ.ގެ އިތުރުން އޭނާގެ ޕާސްޕޯޓު ވެސް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ.
މާފަންނު ގެއަކުން ވައްކަން ކުރި އިރު ދެ ވަނަ ފުރުސަތުގެ ދަށުން ގިނަ ގައިދީންތަކެއް ސަރުކާރުން ވަނީ މުޖުތަމައުއަށް ދޫކޮށް، އަދި އަންނަނީ ދޫކުރަމުންނެވެ. އޭގެ ތެރޭގައި ކްރިމިނަލް ބޮޑެތި ރެކޯޑްތައް ހުރި މީހުން ވެސް ހިމެނެ އެވެ. ނަމަވެސް މާފަންނު ގެއިން ކުރި ވައްކަމުގައި ހިމެނެނީ ދެ ވަނަ ފުރުސަތުގެ މީހެއް ކަމެއް އަދި ޔަގީނެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މިއަދުގެ ރޭޑިއޯ ތަގުރީރުގައި ވިދާޅުވީ ދެ ވަނަ ފުރުސަތުގައި ދޫކުރި ބައެއް މީހުން ކުށް ކުރާނެ ކަމަށާއި އެކަން އާންމުން ގަބޫލު ކުރަންޖެހޭނެ ކަމަށެވެ.
ބޮޑު އީދު ބަންދާ ދިމާކޮށް އޮފީސްތަކާއި އެޖެންސީތައް ބަންދުކުރާ އިރު އެތަންތަނުގެ ފައިސާ އާއި މުދަލުގެ ރައްކާތެރި ކަމަށް ޚާއްސަ ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފި އެވެ.
ދެ ވަނަ ފުރުސަތުގެ ދަށުން މިހާތަނަށް 330 މީހުން ވަނީ ދޫކޮށްފަ އެވެ.