20 Aug 2019, 11:08
މިދިޔަ އާދިއްތަ ދުވަހު ޑައިވިންއަށް ފޭބުމަށްފަހު ހަބަރެއް ނުވެގެން ހޯދަމުން އަންނަނީ ޗައިނާގެ 41 އަހަރުގެ ފަތުރުވެރިއެކެވެ. އަދިވެސް އޭނާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ބުނީ، 'އޯސީއޭ އެމް ސެވަން އެސް' ނަމަކަށް ކިޔާ ސަފާރީ އަކުން ކަނޑުމާ ތިލައަށް ޑައިވިނަށް ފޭބި 22 ފަތުރުވެރިންގެ ތެރެއިން އަންހެން ފަތުރުވެރިއެއްގް ހަބަރު ނުވެގެން ރިޕޯޓް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 1:09 ގައި ކަމަށެވެ.
ޑައިވިނަށް ފޭބި ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޯސްޓް ގާޑް ސްކޮޑަރުންގެ ޑައިވަރުންނެވެ. އަދި އެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓް ގާޑް ޝިޕް ޝަހީދު އަލީ ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓެކެވެ. އަދި ހުދު ކުލައިގެ ފިންސަކަށް އަރާފައިވާއިރު، ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް އޭނާ އަޅައިގެންހުރި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ރީތިކަން ދެކިލަން އަންނަ ފަތުރުވެރިންނަށް މަދުން ނަމަވެސް ކަނޑުމަތީގެ ހިތާމެވެރި ހާދިސާތަކާއި ދިމާވެ އެވެ. އޭގެ ތެރޭގައި ފެތިގެން މަރުވުމާއި، ޑައިވިނަށް ފައިބާ ފަތުރުވެރިން ވީ ނުވީއެއް ނޭންގި ގެއްލުން ވެސް ހިމެނެ އެވެ.