މައްކަތުލްމުކައްރަމާ (އޮކްޓޯބަރ 4): މާތްވެގެންވާ މައްކާގެ މުޤައްދަސް ބިމަށް ގޮސްތިބި ތިން މިލިޔަނަށްވުރެ ގިނަ ޙައްޖުވެރިން ޙައްޖުގެ އަޅުކަން މިއަދު ފަށައިފި އެވެ. މިގޮތުން ތަރްވިޔާގެ ދުވަސް މިނާގައި ހޭދަކުރުމަށްޓަކައި ޙައްޖުވެރިން މިނާގެ މަޝްޢަރަށް ދިޔުމުގެ ދަތުރު މިއަދުވަނީ ފަށާފައެވެ.

ހައްޖު ދުވަހުގެ ކުރިން މިނާގައި ތަރްވިޔާގެ ދުވަހެއް ޙައްޖުވެރިން ހޭދަކުރަނީ ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވެ އެކަލޭގެފާނަށް އިޤްތިދާ ވުމުގެ ގޮތުންނެވެ. ހައްޖު ދުވަސް ނުވަތަ ޢަރަފާތުގައި ތިބޭ ދުވަހަކީ ހައްޖުމަހުގެ 9 ވަނަ ދުވަސް (މާދަމާ) އެވެ. ޢަރަފާތުގެ ބިމުގައި ތިބުމަކީ ޙައްޖުގެ އެންމެމަތީ ރުކުނެވެ. މިއަދު މިނާއަށް ދިޔުމަށްފަހު މިރޭ ޙައްޖުވެރިން ތިބޭނީ މިނާގައެވެ.

މާދަމާ ހައްޖު ދުވަސް ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށްފަހު މާދަމާރޭ ޙައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ. މުޒްދަލިފާގައި ޙައްޖުވެރިން މަޣްރިބް ނަމާދާއި ޢިޝާނަމާދު ޖަމްޢުކޮށްނާއި ޤަސްރުކޮށް ކުރުމަށްފަހު އަނެއްދުވަހުގެ (ޢީދުދުވަހުގެ) އިރުއަރަން ކައިރިވުމާއެކު ޙައްޖުވެރިން އަނެއްކާވެސް ދާނީ މިނާއަށެވެ. އެތާގައި އުޟްޙިޔާ ކަތިލުމަށްފަހު ޖަމްރާތަކަށް ހިލައުކުމުގެ ކަންތައް ހައްޖުވެރިން ކުރިޔަށް ގެންދާނެއެވެ. އަދި ބޯކޮށުމާއި ބޯބޭލުމުގެ ކަންތަކާއި (ތަޙައްލުލްއަސްޣަރު) ނުވަތަ އިޙްރާމް މޮހުމުގެ ފުރަތަމަ މަރްޙަލާވެސް ކުރިޔަށްގެންދާނެއެވެ.

އެއަށްފަހު ތަވާފުލްއިފާޟާ ކުރުމަށާއި ސަފާއާއި މަރްވާގައި ސަޢްޔު ކުރުމަށްޓަކައި ޙައްޖުވެރިން މައްކާއަށް ދާނެއެވެ. އަދި މައްކާގައި (ތަޙައްލުލްއަކްބަރު) ނުވަތަ އެއްކޮށް އިޙްރާމް މޮހެލައި ޙައްޖުގެ އަޅުކަން ނިންމާލާނެއެވެ. -- ސަޢޫދީ މީޑިޔާ