ސަރުކާރުގެ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން، ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި އިމާރާތް ކޮށްފައިވާ 200 ފްލެޓްގެ ތެރެއިން، 120 ފްލެޓް ހާއްސަ ކުރެވިފައި ވަނީ ފުވައްމުލަކު ރައްޔިތުންނަށެވެ. އެ ފްލެޓްތަކަށް އެދި 138 ފަރާތަކުން ފޯމު ހުށަހެޅި އެވެ.

ޕްރޮގްރާމުގެ ދަށުން 20 ފްލެޓު ހާއްސަކޮށްފައި ވަނީ ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށެވެ. އެ ފްލެޓުތަކަށް އެދި ފޯމު ހުށަހަޅައިފައި ވަނީ 15 ފަރާތަކުންނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފައި ވާނެ ކަމަށާއި، ޕޮއިންޓް ލިބިފައިވާ ގޮތާ މެދު، އިތުރަށް ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް މިހާރު ހުޅުވާލައިފައިވާނެ ކަމަށެވެ.

އެ ފުރުސަތު މި މަހުގެ 27 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާން ކުރާނީ ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއްވާނަމަ އެއުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށް ކައުންސިލުން ބުންޏެވެ.