04 Nov 2011, 12:05
ދެ ވަނަ ފުރުޞަތުގައި ދޫކުރި ބައެއް މީހުން ކުށް ކުރާނެ ކަމަށް ގަބޫލު ކުރުމަށާއި މިހާތަނަށް ދޫކުރި މީހުންގެ ތެރެއިން 149 މީހަކު ވަޒީފާ އަދާކުރާއިރު ސަރުކާރުގެ ހުނަރު ޕްރޮގްރާމަށް އޭގެ ތެރެއިން 81 މީހަކު ކުރިމަތިލައި 13 މީހަކު ކޯސް ފުރިހަމަ ކޮށްފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ރޭޑިއޯ މެދުވެރިކޮށް ހަފުތާ ހުކުރުގައި ދެއްވާ ތަގުރީރުގައި މިއަދު އެވެ.
ރައީސް އިއުލާން ކުރައްވާފައިވާ ދެ ވަނަފަރުސަތުގެ އަފޫއާންމުގައި މިހާތަނަށް 330 މީހުން ވަނީ މިނިވަން ކޮށްފަ އެވެ.
"ދެވަނަ ފުރުޞަތުގެ ޕްރޮގްރާމްގެ ދަށުން އިތުރު މީހުންނަށް އަދިވެސް ފުރުޞަތު ދެވޭނެ. ދެވަނަ ފުރުޞަތުގެ ޕްރޮގްރާމުގެ ދަށުން މީހުން ދޫކޮށްލެވޭނީ، އެމީހުން މުޖްތަމަޢުގައި އުޅުން ބައްޓަންވެފައިވާ ގޮތާއި އަދި ކުށްކުރުމުން ދުރުހެލިވެ ތިބުމާގުޅޭ 10 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު، ބެލެނިވެރިއެއްގެ ބެލުމުގެ ދަށުން. މި ޕްރޮގްރާމް ވެސް ފެށިގެން ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެވަނަ ފުރުޞަތުގައި ދޫކުރާ ބައެއް މީހުން ކުށް ކުރާނެ ކަމަށާއި އެކަން އާންމުން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ފުރުސަތުގެ ބޭނުން ނުކުރާ ފަރާތްތަކަށް އޭގެ ގެއްލުން ލިބެމުންދާނެ ކަމަށެވެ.
"އެއީ، އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަންޖެހޭނޭ ޙަގީގަތެއް. ދޫކުރެވޭ ނުވަތަ ފުރުޞަތުދެވޭ ހުރިހާ ފަރާތްތަކަކުން އެ ފުރުޞަތުގެ ފުރިހަމަ ބޭނުން ނުހިފައިފާނެ ކަމަށް އަޅުގަނޑުމެން ދެކެންޖެހޭނެ. އެހެން ނުހިފައިފިނަމަ އޭގެ ގެއްލުން، އޭގެ ހިތާމަ ރައްދުވެގެންދާނީ ސީދާ އެފަރާތަށް،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުގެ ބޭނުމަކީ، ވީހާވެސް ގިނަ ފަރާތްތަކަކުން ހެޔޮ ގޮތުގައި މި ފުރުޞަތުގެ ބޭނުންކޮށް، އަލުން އަނބުރާ މުޖްތަމަޢަށް އައުމަށް ދެވަނަ ފުރުޞަތުގެ ހުރިހާ ބައިވެރިން ވެސް މަސައްކަތް ކުރައްވަމުން ގެންދެވުން،"
އައްޑު އަތޮޅުގައި ހުންނަވައިގެން ދެއްވެވި ތަގުރީރުގައި ރައީސް ވިދާޅުވީ އައްޑޫ ސިޓީއަކީ ޤައުމީ ރޫޙާއި ހިތްވަރުން މުޅި ރާއްޖެ ތަމްސީލުކޮށްލާފަދަ ޢިލްމާއި ފާޑާއި ހުނަރުވެރި ރައްޔިތެއް އޮތް އާބާދީއެއްކަން ހާމަވެގެން ދަނީ ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތަކުގެ ފުރިހަމަކަމުން ކަމަށެވެ. އަދި ވިދާޅުވީ އައްޑޫ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ޤައުމީ ދިފާޢީ ބާރާއި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށްޓަކައި ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު ސާބަސް ދެއްވާ ކަމަށެވެ. ތައްޔާރީތަކުގައި މިހާރު ހުރީ މުޅިން އެކީ އެކައްޗަކަށް ނިންމާލުމަށް ކުރަން ހުރި ބައެއް މަސައްކަތް ކަމަށާއި އެދޭ ފެންވަރަށް އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައީސް ވިދާޅުވީ ސާކް ސަމިޓަށް ތައްޔާރުވާއިރު، އައްޑޫ ސިޓީގެ އެތެރޭގެ ބަސް ދުއްވުމާއި ފުވައްމުލަކާއި އައްޑުއާ ދެމެދުގެ ކަނޑު ދަތުރުތަކާއި ފުވައްމުލަކުގެ ބަހުގެ ދަތުރުތައް ކޮށްދޭ ފަރާތައް ޓެންޑަރުގެ އުސޫލުން ދީފައިވާ ގަމުގެ ދޫގަސް މިހާރު ހޮޓަލެއްގެ ގޮތުގައި ތަރައްގީވެފައިވާ ކަމަށާއި ދޫގަހުން ސާކް ސަމިޓަށް އެކަށީގެންވާ ހިދުމަތެއްދޭނެ ކަމަށެވެ.
"ކުރީގައި ދޫގަހަކީ، ސަރުކާރުން ޚަރަދުކޮށްގެން، ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ހުންނަ ތަނެއް. މިއަދުގެ ދޫގަހަކީ، 50 މީހުންގެ ރީތި ހޮޓަލެއް. އެ ހޮޓާ ހިންގުމުގައި ސަތޭކަ ސާޅީހަށްވުރެ ގިނަ ދިވެހިން އެބަ ޙަރަކާތްތެރިވޭ. ބޭރު މީހުންގެ ގޮތުގައި ތިބެނީ އެންމެ ފަސް މީހުން. އަދި މި ހޮޓަލުން ސާކް ސަމިޓަށް ވަރަށް ރަނގަޅު އެކަށީގެންވާ ޚިދްމަތްތަކެއް ދޭނެކަމީ، އަޅުގަނޑަށް އެ ހޮޓަލްގެ މެނޭޖްމަންޓް ވަރަށް ބޮޑު ޔަޤީންކަމެއް ދެމުން އަންނަ ކަމެއް. އަޅުގަނޑަށް ޔަޤީން، އައްޑޫ ސިޓީގައި ތައްޔާރުވަމުން އަންނަ އެހެން ހުރިހާ ތަނެކޭވެސް އެއްފަދައިން ދޫގަހުގެ މަސައްކަތްތައް ވެސް ނިމިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރޭޑިއޯ ތަގުރީރުގައި މިދިއަ ހަފުތާގައި ހުޅުވި ފުވައްމުލަކުގެ އެއާޕޯޓާއި އެ އެއާޕޯޓުން ފުވައްމުލަކަށް ގެނެސްދީފައިވާ ކުރިއެރުމުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. ވިދާޅުވީ މިހާރު ފުވައްމުލަކު ރައްޔިތުން ރަށު ބަންދުން ވީއްލިފައިވާ ކަމަށާއި ފުވައްމުލަކަށް ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރު ކުރެވޭނެ ގޮތްތައް ހަމަޖެހި ރަށު ތެރޭގައި ވެސް ދަތުރުކުރެވޭނެ ގޮތް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މާދަމާއަކީ ޙައްޖު ދުވަސް ކަމަށްވާތީ ޙައްޖުގެ މަތިވެރި އަޅުކަމުގެ މައްޗަށް ބައްލަވައިލައްވާ ރައީސް ވިދާޅުވީ ކެރިކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކަށް އެއަށްވުރެ ވަކި މަތިވެރި ފަރުލެއް ނުވާ ކަމަށެވެ.
"... ޙައްޖުގެ އަޅުކަން ގުޅިފައިވަނީ، އިސްލާމީ އުންމަތުގެ ކިތަންމެ ފަލްސަފާއަކާއި ކިތަންމެ އުސޫލުތަކަކާ ކިތަންމެ ހަމަތަކަކާ. އަޅުގަނޑުމެންގެ މުސްލިމުންގެ ތެރޭގައި، ހުރިހާ މުސްލިމުން ވެސް އަބަދުވެސް އެއްދިމާއަކަށް ކޮންމެ ދުވަހަކު ފަސް ފަހަރު ހުއްޓޭ އެއްދިމާއަކީ، ކަޢުބަތުﷲ ގެފުޅު. ޙައްޖުގެ އަޅުކަން މި ހިނގަނީ މި ދެންނެވި އެންމެ މުޤައްދަސް ބިމާ ގުޅިގެންކަމަށްވާކަމީ، އަޅުގަނޑުމެން އިސްލާމުންނަށް މިކަމުގައި އިތުރު މުހިންމުކަން ފުޅާވެ ބޮޑުވެގެންދާކަމެއް. އަޅުގަނޑަށް ޔަޤީން، ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމުގައި ބައިވެރިވާން ޙައްޖަށް ދަތުރުފެށި ހުރިހާ ޙައްޖުވެރިންނަށް ވެސް އިރާދަކުރެއްވިއްޔާ ޙައްޖު ލިބޭނެ. އަދި ޙައްޖުގެ އަޅުކަން ނިންމޭނެ،" ރައީސް ވިދާޅުވި އެވެ.