19 Aug 2019, 23:13
ހައްޖާޖީންނަށް ފަސޭހަކަމާއެކީ ޑޮކްޓަރަށް ދައްކައިދިނުމުގެ ފުރުސަތު ދިނުމުގެ ގޮތުން އައިޖީއެމްއެޗްގައި ވަކި ކްލިނިކެއް ހުުޅުވައިފިއެވެ.
އައިޖީއެމްއެޗްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު ހުޅުވި ހައްޖު އޯޕީޑީ ކްލިނިކްގައި ކޮންމެ ހަފްތާއެއްގެ އާދިއްތައިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް މެންދުރު 2.00-ރޭގަނޑު 10.00 އަކަށް ހިދުމަތް ދޭނެ ކަމަށެވެ.
ކޮންމެ ހައްޖު މޫސުމަކުވެސް ރާއްޖެއިން ހައްޖަށްދާ މީހުން ހައްޖުވުމަށް ފަހު އެނބުރި އަންނައިރު ތަފާތު ރޯގާތައް ފެތުރެއެވެ. އެކަމާ ގުޅިގެން ރޯގާތައް އިތުރުވެދާނެތީ އެކަމަށް ސަމާލުވުމަށްވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ ކުރިންވެސް ހުމާ ރޯގާ ފެތުރޭ ދުވަސްވަރު އައިޖީއެމްއެޗްއިން ވަނީ އެކަމަށް ހާއްސަކޮށް ފްލޫ ކްލިނިކްތަކެއް ހުޅުވައިފައެވެ.
މި އަހަރު ހައްޖަސް ދިޔަ ފުރަތަމަ ގްރޫޕް ރާއްޖެއައީ މިއަދުއެވެ. އަދި ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެންމެ ފަހު ގްރޫޕް ރާއްޖެ އަންނާނީ މިމަހު 31 ވަނަ ދުވަހުއެވެ.
މި އަހަރު ރާއްޖެއަށް 2000 މީހުން ހައްޖަށް ދިޔައެވެ.