19 Aug 2019, 23:20
މަގުމަތިވެ ހާލުގައި ޖެހިފައިވާކަމަށް ބެލެވޭ މުސްކުޅި އަންހެން މީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
މަގުމަތިވެފައިވާ މުސްކުޅި އަންހެނެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތް ޖެންޑާގެ ސޯޝަލް ސާވިސް ޑިޕާޓްމަންޓުން ފަށައިފައިވާ ކަމަށެވެ.
އެކަމުގައި ފުލުހުންގެ އެހީތެރިކަން ހޯދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން އެ މުސްކުޅި އަންހެން މީހާ ގޯޅިތެރޭގައި އިށީންދެލައިގެން އިންނަތަން ފެެންނަތަން ފެނެއެވެ. އޭނާ އިށީނދެގެން އިނީ ފައިވާނަކަށްވެސް ނާރައެވެ.
އިބްރާހިމް ވިދާޅުވީ އެ އަންހެން މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 1412 އަށް ގުޅުއްވައި މައުލޫމާތި ހިއްސާ ކުރެއްވުމަށެވެ.
ޖެންޑާ މިނިސްޓަރު މި އަހަރު ކުރީ ކޮޅު ވަނީ މާލޭގައި ސަލާން ޖަހަން މާރުކޭޓު ސަރަހައްދުގައި އުޅޭ މީހުންނާވެސް ބައްދަލުކުރައްވައި އެމީހުންގެ ހާލު ބައްލަވައިފައެވެ.
އޭގެ އިތުރުން މާލޭގެ ގޯޅިތެރޭގައި ގޮދަނޑި އަޅައިގެން ނިދަމުން ދިޔަ މީހަކަށްވެސް ޖެންޑާއިން މި އަހަރު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.