ހދ. ނޭކުރެންދޫގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޕިކަޕެއް ދަށުވެ އެއް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.

ފުލުހުން ވެސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ނޭކުރެންދޫން ވާހަކަ ދެއްކި މީހަކު ބުނީ މިއަދުގެ އެކްސިޑެންޓް ހިނގީ އެރަށު މަންޒިލްގޭގައި އޮންނަ ޕިކަޕެއް، އެގޭގެ ޒުވާނަކު ދުއްވަނިކޮށް ޖެހިގެނެވެ. އުމުރުން 18 އަހަރު ފުރިފައިވާ ޒުވާން އެކުއްޖާގެ އަތުގައި އެއްގަމުގެ އުޅަނދުގެ ލައިސަނެއް ނެތެވެ.

މަރުވި ކުޑަ ފިރިހެން ކުއްޖާއަކީ ޕިކަޕް ދުއްވަން އިން ޒުވާން ކުއްޖާގެ އެއްބަނޑު އެއްބަފާ ދައްތަގެ ކުއްޖެކެވެ.

ހެނދުނު 9:15 ހާއިރު އެ އެކްސިޑެންޓް ހިނގީ ޒުވާން ކުއްޖާ މަންޒިލްގޭގެ ކުރިމަތިން ޕިކަޕް ދުއްވަމުން ދަނިކޮށް ކުޑަ ކުއްޖާ ގޭތެރެއިން ދުވެފައި ނުކުތް ވަގުތު ޕިކަޕްގެ ދަށުވެގެނެވެ. މަންޒަރު ދުށް އެ ރަށު މީހަކު ބުނީ ބޮޑަށް ލަފާ ކުރެވެނީ ބޭބެ ޕިކަޕް ދުއްވާތީ ކުޑަކުއްޖާ މަޖާ ކުރުމުގެ ގޮތުން ޕިކަޕްގެ ކުރިމައްޗަށް އަރަން އުޅުނީ ކަމަށެވެ. އޭނާ އަދި ބުނީ ޕިކަޕްގައި ޖެހި ކުއްޖާ ވެއްޓުނު ވަގުތު ޕިކަޕް އަރާފައި ވަނީ އެކުއްޖާގެ ބޮލަށް ކަމަށެވެ.

މިހާ ހާދިސާ އާ ގުޅިގެން ޕިކަޕް ދުއްވަން އިން ފިރިހެން ކުއްޖާ އަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށް ހާލު ދެރަވަފެއިވާއިރު ކުޑަކުއްޖާ އެކްސިޑެންޓުވުމުން މަގުމައްޗަށް އޮހުނު ލޭތައް ފެނި އެ އާއިލާގެ ބައެއް އެހެން މީހުންނަށް ވެސް ވަނީ ނަފުސާނީ ގޮތުން އަސަރުކޮށްފަ އެވެ.

މިއަދު އެކްސިޑެންޓްވި ޕިކަޕަކީ މީގެ ހަތް މަސް ކުރިން ވެސް އެރަށުގައި ދުއްވި ސައިކަލެއްގައިޖެހި އެކްސިޑެންޓްވި ޕިކަޕެކެވެ. ސައިކަލްގައި އިންމީހާއަށް އަނިޔާވެގެން ފަރުވާއަށް މާލެ ގެންނަން ޖެހުނު އެ އެކްސިޑެންޓު ހިންގިއިރު ޕިކަޕް ދުއްވަން އެފަހަރު ވެސް އިނީ މަންޒިލްގޭ މީހެކެވެ.

އިއްޔެވެސް ވަނީ އެކްސިޑެންޓްގައި ޒުވާނަކު މަރުވެފަ އެވެ. ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ޖެހުމުގެ ސަބަބުން ބޮޑެތި ޒަހަމްތައްވެގެން އިއްޔެ ޒުވާނަކު މަރުވީ ތ. މަޑިފުށިންނެވެ.