ހަފްތާ ބަންދުތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތް ކުރަން ނުޖެހޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަދައިިފިއެވެ.

ސަރުކާރުގެ ބަންދު ދުވަސްތަކާއި ހަފްތާ ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތްތަކަށް ނުނެރެވާނެގޮތަށް ރޭވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސާކިއުލާއެއް ސްކޫލްތަކަށް ފޮނުވައިފައެވެ.

އެހެންނަމަވެސް ގައުމީ މުނާސަަބަތެއް ފާހަގަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާއެކު ޓީޗަރުން މަސައްކަތަށް ނެރެވިދާނެކަމަށްވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓަރު ދާދިފަހުން ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ގޮތުން ރައީސް އޮފީހާ ގުޅިގެން މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަން މަޝްވަރާތައް ފަށައިފައިވާ ކަމަށެވެ.

އެގޮތުން އޯވަޓައިމްއަށް ހެޔޮ ބަދަލުތަކެއް ގެނެސް އެހެނިހެން އިނާޔަތްތައް ޓީޗަރުންނަށް ހޯދައިދިނުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޑިއުކޭޝން މިނިސްޓްރީން ދާދި ފަހުން ބުނެފައިވެއެވެ.