މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެމްޑީޕީ ޕީޖީ ގުރޫޕުގެ ރުހުމެއް ނުލިބުނެވެ.

ރައީސް ނަޝީދު މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވީ މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަކީ އެންމެ ކޮމިޓީއަކުން ކުރާ ވަރަށް މާފުޅާ ދާއިރާއެއްގައި ވިސްނައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ޝާމިލްވުން އޮންނަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މިއަދު އެމްޑީޕީގެ ޕީޖީއިން ބޭއްވި ބައްދަލުވުމުގައި ވަނީ އެކަމާ މަޝްވަރާ ކޮށްފަ އެވެ. އަދި ސުޕަ ކޮމިޓީ ހަދަން ފެނޭތޯ ވޯޓަށް އެހުމުން އެގޮތަށް ނުފެންނަ ކަމަށް ގިނަ މެމްބަރުން ވޯޓު ދީފައިވާކަން ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.

ސުޕަ ކޮމިޓީ ހަދަން ރައީސް ނަޝީދު ހުށަހަޅުއްވަމުން ވިދާޅުވެފައިވަނީ މިހާރު ހުރި ދާއިމީ ކޮމިޓީތަކަކީ އޯވަސައިޓް ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީތަކެއް ކަމަށެވެ. އެހެން ކަމުން ހަރުދަނާ އުސޫލަކުން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކޮށް ވަކިކުރަން އެކަމަކަށް ހާއްސަވެފައިވާ ކޮމިޓީއެއް އޮތުން މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމަކީ މި މަޖިލީހުގެ އެންމެ ކޮމިޓީއަކުން ބޮޑު މަސައްކަތް ކުރާ ބާވަތުގެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ. "ހަމަ އަޅުގަނޑުމެންގެ މެންބަރުން ކޮމިޓީއެއްގައި ތިއްބަވާފައި ޖަޒުބާތުގައި ޖޯޝުގައި ކުރާ ކަމެއް ނޫން އެއީއަކީ، އެއީ އިޖުރާއަތުތަކެއްގެ ތެރެއިން ވަކިވަކި ފިޔަވަޅުތަކެއް އަޅައި އެކި އެކި ތަންތަނުގައި ހުއްޓި، އެކި އެކި ގޮތްގޮތަށް އެނބުރި ވިސްނައި ބަލައި އަޅުގަނޑުމެން ހިންގާ މަސައްކަތެއް،"

ރައީސް ނަޝީދު ޝައުގުވެރިކަން ފާޅު ކުރެއްވީ އެމަނިކުފާނު ސުޕް ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާށެވެ. ނަމަވެސް ޕީޖީ ގުރޫޕުގައި ފާސް ނުވުމުން އެ ކޮމިޓީ ހެދުމުގެ މަސައްކަތް ދެން ކުރިއަށް ދާނެ ކަމަކަށް ނުބެލެވެ އެވެ.