19 Aug 2019, 15:50
ވިލިމާލޭގައި ހުންނަ ކުޑަކުދީންގެ ހިޔާގައި ތިބި ފުރާވަރު އުމުރުގެ ކުދީންނާ ހަވާލުވާން އެ ކުދިންގެ އާއިލާއިން ވެސް އަދި އާންމު ފަރާތްތަކުން ވެސް ޝައުގުވެރިކަން ފާޅުކުރަމުން ނުދާތީ ކުޑަކުދީންގެ ހިޔާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކުޑަކުދީންގެ ހިޔާގެ ޑިރެކްޓަރު ފާތިމަތު ޝިއުނާ ވިދާޅުވީ، ކުޑަކުދީންގެ ހިޔާގައި ތިބެނީ 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދީން ކަމަށާއި، އެކުދީންނާ ހަވާލުވާން އާއިލާތަކުން އެދިފައި ނުވާކަމަށެވެ.
ޝިއުނާ މިހެން ވިދާޅުވީ ހިޔާގައި ތިބޭ ކުދިން އެޑޮޕްޓު ކުރުމުގައި އޮންނަ އުސޫލު ހަރުކަށި ކަމަށް ބުނެ ގިނަ ބަޔަކު ކުރާ ޝަކުވާތަކާއި ގުޅިގެން، އެކަން އޮންނަ ގޮތް އޮޅުން ފިލުވައިދިނުމަށް ކޮމިޓީގެ މުގައްރިރު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެދިވަޑައިގަތުމުންނެވެ.
"އާންމުކޮށް ކުޑަކުދީންގެ ހިޔާގައި ތިބޭ ކުދީންނާ ހަވާލުވާން ބޭނުންވެގެން އެއްވެސް ރިކުއެސްޓެއް ނާދޭ. އެކަމަކު ފިޔަވަތީގަ ތިބޭ ތުއްތު ކުދިން ހަމަ އާއިލާތަކާ ހަވާލު ކުރަމުން ދޭ،" ޝިއުނާ ވިދާޅުވި އެވެ.
ކުޑަކުދީންގެ ހިޔާގެ ޑިރެކްޓަރު ޝިއުނާ އިޖްތިމާއީ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: މަޖިލިސް
ހުޅުމާލޭގައި ހުންނަ ހިޔާގެ މަރުކަޒު "ފިޔަވަތި" ގައި ބަލަހައްޓަމުން ދަނީ ނުވަ އަހަރުން ދަށުގެ ކުދީންނެވެ.
ފުރާވަރު އުމުރުގެ ކުދީން އެޑޮޕްޓު ކުރަން އެއްވެސް ފަރާތަކުން އެދިފައި ނުވާއިރު، ހިޔާގައި ތިބެ ސުކޫލު ދައުރު ނިމުމުން އެކުދީންނާ ހަވާލުވާން އާއިލާތަކުން ވެސް ދެކޮޅު ހަދާކަމަށް ޝިއުނާ މިއަދު ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވީ ހިޔާއަށް ނަގާ ގިނަ ކުދީންނަކީ އެވަގުތު އެކުދީންނަށް ބޭނުންވާ ރައްކާތެރިކަން އާއިލާތަކަށް ފޯރުކޮށްދެވެން ނެތުމުން ވަގުތީ ގޮތުން ދައުލަތަށް ނެގޭ ކުދީން ކަމަށާއި ނަމަވެސް އޭގެ ފަހުން ވެސް ގިނަ އާއިލާތަކަށް އެ ރައްކާތެރިކަން އެކުދީންނަށް ފޯރުކޮށް ނުދެވޭ ކަމަށެވެ.
"ކުދީން އަނބުރާ އާއިލާތަކާ ހަވާލު ކުރުމުގެ މަސައްކަތް މިނިސްޓްރީ އިން ކުރޭ އެކަމަކު ވާގޮތަކީ ހިޔާއަށް ނެގޭ ގިނަ ކުދީންނަކީ، ހާއްސަކޮށް މި އުމުރު ފުރައިގެ، 13 އަހަރާ 18 އަހަރާ ދެމެދުގެ ކުދީންނަކީ އަނބުރާ އާއިލާތަކާ ހަވާލު ކުރެވޭ ކުދީންނެއް ނޫން،" ޝިއުނާ ވިދާޅުވި އެވެ.
ހިޔާގެ ބެލުމުގެ ދަށަށް ގެންދާ ކުއްޖަކަށް 18 އަހަރު ވުމަށްފަހު ވެސް އެކުއްޖާ ދޫކޮށްލަނީ އާއިލާ އިން މީހަކު އެކުއްޖާ އާ ހަވާލުވާ ހިސާބުންނެވެ. ނުވަތަ ކައިވެންޏެއް ކޮށްގެން ދާ ހިސާބުންނެވެ.
ޝިއުނާ ވިދާޅުވީ އާއިލާތަކުން ކުދީންނާ ހަވާލުނުވުމަކީ ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން، އެ ކުދިން ބޮޑުވަމުން އަންނަ އިރު ހީނުކުރާވަރުގެ މައްސަލަތައް އެ ކުދިންނާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ކުޑަކުދީންގެ ހިޔާގައި ފުރާވަރު އުމުރުގެ 45 ކުދީން ބަލަހައްޓަމުންދެ އެވެ. އޭގެ ތެރެއިން ފަސް ކުއްޖަކު ރިސޯޓުތަކުގައި އިންޓާންޝިޕް ފުރިހަމަ ކުރަމުން އަންނަ އިރު، އަތޮޅުތެރޭގައި ތިބޭ ހަތަރު ކުއްޖަކު އަންނަނީ މަސައްކަތްތައް ދަސް ކުރަމުންނެވެ.
މީގެ ދެ އަހަރު ކުރިން ފެށި އިންޓާންޝިޕް ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށާއި، އެ ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ކުދީންނަށް ވެސް ވަޒީފާ ހަމަޖެހިފައިވާ ކަމަށް ކުޑަކުދީންގެ ހިޔާ އިން ބުންޏެވެ.
ވިލިމާލެ ކުޑަކުދީންގެ ހިޔާ ރަސްމީކޮށް ހުޅުވާފައި ވަނީ 2005 ވަނަ އަހަރު އެވެ. މިހާތަނަށް އެ މަރުކަޒުގެ ހިޔާވަހިކަމުގައި 350 ކުދީން ބަލަހައްޓާފައިވެ އެވެ.