އައްޑޫ ސިޓީގައި ތަރައްގީ ކުރަމުން އަންނަ ބެޑްމިންޓަން ކޮމްޕްލެކްސްއާއި މާލޭގެ އެކުވެނި އިންޑޯ ތަރައްގީކޮށް އަންނަ މަހު ނިންމާލެވޭނެ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހިތަދޫ ކޮމިއުނިޓީ ސެންޓަރާ އިންވެގެން އޮންނަ ހުސް ބިމުގައި ތަރައްގީ ކުރަމުން އަންނަ ބެޑްމިންޓަން ކޮމްޕްލެކްސްއާއި މާލޭ އެކުވެނީގައި ބެޑްމިންޓަން ކުޅޭ އިންޑޯ ކޯޓް ތަރައްގީކޮށް އަންނަ މަހު ފަހު ކޮޅު ނިންމާލެވޭނެ ކަމަށެވެ. އެ ޕްރޮޖެކްޓަކީ ނުވަ މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއްކަން ވެސް ޔޫތު މިނިސްޓްރީން ވަނީ ފާހަގަ ކޮށްފަ އެވެ.

އެގޮތުން އައްޑޫގެ ބެޑްމިންޓަން ކޮމްޕްލެކްސްގެ މަސައްކަތް ކުރުމަށް މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު ވަނީ އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ)އާ ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުގެ ދަށުން ހިތަދޫ ޔޫތު ސެންޓަރުގެ އިމާރާތް ހުރި ބިމުގައި ހަތަރު ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް ދެ ފަންގިފިލާގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އައްޑޫގެ ބެޑްމިންޓަން ކޮމްޕްލެކްސް ތަރައްގީކޮށް ނިންމުމަށްފަހު ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވާ މުބާރާތަކީ 21 އަހަރުން ދަށުގެ ސައުތު އޭޝިއަން ބެޑްމިންޓަން ޗެމްޕިއަންޝިޕްއެވެ. އެމުބާރާތް ބާއްވަން ނިންމާފައިވަނީ އަންނަ އޮކްޓޯބަރު މަހު އެވެ.

އެ މުބާރާތް އެންމެ ފަހުން ނޭޕާލުގައި ބޭއްވި އިރު ޑަބަލްސް ބައިގައި ވާދަކޮށް ރާއްޖޭގެ ފާތުމަތު ނަބީހާ އަބްދުލްރައްޒާގުއާއި ފާތުމަތު ނަބާހާ އަބްދުލްރައްޒާގު ވަނީ ސިލްވާ މެޑަލް ހޯދައިފައެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ ވުޒާރާއިން ދަނީ ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެޑްމިންޓަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.