04 Nov 2011, 00:46
ސަރުކާރުގައި ތިއްބެވި ތިނެއް ނޮވެމްބަރުގެ ހަމަލައިގައި ބައިވެރިވި އިސް ފަރާތްތައް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައި އެއްވުމެއް ހެދިގޮނޑުދޮށުގައި ބާއްވައިފި އެވެ.
ގާތްގަނޑަކަށް 500 އެއްހާ މީހުންނާއެކު އެއްވެ ސަރުކާރުގެ ބައެއް ވެރިންގެ އިސްތިއުފާއަށް ގޮވައިލި އެއްވުން އިންތިޒާމްކޮށްފައި ވަނީ ޕީޕީއެމުންނެވެ. ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން މިރޭ ބޭއްވި އެއްވުމުގައި ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާ ރޭވުމުގައި ބައިވެރިވި އިސް ފަރާތްތަކަކަށް މި ސަރުކާރުގެ އިސް މަގާމުތައް ދީފައިވާ ކަމަށާއި އެ ފަރާތައް މަގާމުން އިސްތިއުފާ ދެއްވުމަށް އެދި އަޑު އުފުލާފައިވެއެވެ. އެމީހުން ތިބީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއި ގައުމީ ދިދައާއެކު އެވެ.
ޕީޕީއެމުން ބުނީ އެއްވުމަކީ ރޭވީ މިހާރުގެ ސަރުކާރުން ނޮވެމްބަރު ތިނެއްގެ ހަދާންތައް ރާއްޖެއިން ފޮހެލަން މަސައްކަތް ކުރާތީ އެ ހަދާންތައް މިހާރުގެ ޒުވާނުންނަށް އަންގައި ދިނުމުގެ ގޮތުން ކަމަށެވެ.
ޕޯޑިއަމެއްގެ ވަށައިގެން އެއްވި މީހުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން، ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދާއި، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލާއި ސްޓޭޓް މިނިސްޓަރު އުމަރު ޖަމާލުގެ އިތުރަށް ކަރޯ އައްބާސް ގެ އިސްތިއުފާއަށް ގޮވާފައެވެ. އަދި އެ ފަރާތްތައްކަށްހައްގު އަދަބު ދިނުމަށާއި ތިނެއް ނޮވެމްބަރުގެ ބާޣީ ލީޑަރު އަބްދުﷲ ލުތުފީ ދަންޖެއްސުމަށް ވެސް މީހުން ގޮވާލާފައިވާއިރު ނޮވެމްބަރު ތިނެއްގެ ހަމަލާއިން ސަލާމަތްވުމުގައި ތަރިއަކަށް ވެވަޑައިގެންނެވި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަށް ވެސް ފާޑު ކިޔާފައި ވެއެވެ.
މިއެއްވުމުގައި ބައިވެރިވި މީހުންވަނީ ތުހުމަތު ކުރި ގޮތުގައި ނޮވެމްބަރު ތިނެއްގެ ހަމަލާގެ އަޑީގައި ތިއްބެވި ބައެއް ބޭފުޅުންނަށް މި ސަރުކާރުގެ އިސް މަގާމުތަށް ދެއްވާފައިވަނީ އެ ހަމަލާގައި ރައީސް މުހައްމަދު ނަޝީދު ފުރިހަމައަށް ބައިވެރިވެ ވަޑައިގަންނަވާތީ އެވެ.
އުމަރުނަސީރު ވިދާޅުވީ ލުތުފީ ފަދަ ބާޣީން ސަރުކާރުގެ ހަރަދުގައި ސްރީލަންކާގައި ބައިތިއްބައިގެން ނޫސްތަކަށް ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތައް ދެމުންދަނީ ތިނެއް ނޮވެމްބަރު ގެ އުދުވާން ދިވެހިން ހިތްތަކުން ފޮހެލެވޭނެކަމަށް ބަލައިގެން ކަމަށެވެ. އަދި ވިދާޅުވީ އެހެން ސަރުކާރަށް ހީވުމަކީ ކުށް ހީއެއް ކަމަށާއި، އެ އުދުވާނީ ހަމަލައިގެ އެއްވެސް ކަމެއް މި ގައުމުން ފޮހެނުލެވޭނެ ކަމަށެވެ. އަދި ނަސްރުގެ ދުވަހުގެ ގޮތުގައި އެދުވަސް ފާހަގަ ކުރަމުން ގެންދާނެ ކަމަށެވެ.
ޕީޕީއެމުން ރަޖިސްޓްރީވި ފަހުން ބައެއް އިސްތިއުފާއަށް ގޮވާލައި ޝުއޫރުތަކެއް ފާޅު ކުރުމަށް ބޭއްވި ފުރަތަމަ އެއްވުމުގައި ޕީޕީއެމްގެ ކައުންސިލް މެންބަރުންގެ އިތުރުން ނޮވެމްބަރު ތިނެއްގެ ހަމަލާގައި ޝަހީދުވި ބައެއް މީހުންގެ އާއިލާތަކުން ވެސް ވާހަކަ ދެއްކި އެވެ.