14:30


މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރި 18 ނަމުގެ ތެރޭގައި އެމްއެންބީސީގެ މިހާރުގެ ޗެއާމަނާއި މެނޭޖިން ޑިރެކްޓަރުގެ އިތުރުން ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބުނެފި އެވެ.


މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލައްވާފައިވާ 29 ފަރާތުގެ ތެރެއިން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ބަލައި ދިރާސާ ކުރުމަށްފަހު، އެންމެ ރަނގަޅުވާނެ ކަމަށް ފާހަގަކުރެވުނު 18 ފަރާތާ މެދު އާންމުންގެ އެއްވެސް ކަހަލަ ކޮމެންޓެއް އޮތް ނަމަ، އަންނަ ހޮނިހިރުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ބުނެ، އެ 18 ފަރާތުގެ ނަން މާލިއްޔަތު ކޮމިޓީން މިއަދު ނެރެފައިވާ އިއުލާނެއްގައި ވަނީ ހާމަކޮށްފަ އެވެ.


އެ 18 ފަރާތުގެ ތެރޭގައި އެމްއެންބީސީގެ މިހާރުގެ ޗެއާމަން މަޑުލު މުހައްމަދު ވަހީދާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އިބްރާހިމް އުމަރު މަނިކުގެ އިތުރުން ވެސް، މީޑިއާގައި ހަރަކާތެތެރިވެފައިވާ ބައެއް ފަރާތްތައް ހިމެނެ އެވެ.


އެ 18 ފަރާތުގެ ތެރެއިން ބޯޑަށް ހޮވުމަށް ހަމަޖެހިފައި ވަނީ ނުވަ ފަރާތެއް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ގާނޫނުގައި ބުނެ އެވެ.