މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމުގެ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ މިއަދު ފަށާފައިވާއިރު ބިލު ފުރިހަމަ ނުވާކަން ގިނަ މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން މަޖިލީހުގައި މަސްވެރިކަމާ ގުޅޭ ފަސް ގަރާރެއް ފާސްކޮށްފައިވާއިރު އެ ގަރާރުގައި ހިމެނުނު ކަންކަން ބިލުގައި ނުހިމެނޭތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މަސްވެރިކަމުގެ ފަސް ގަރާރެއް މަޖިލީހުން ފާސްކޮށްފައިވާއިރު އެ ގަރާރުތަކުގައި ހިމެނޭ ވާހަކަތައް ބިލުގައި ނެތް ކަމަށެވެ.

"ހަތްދިހަ ވަރަކަށް ސޮފުހާގެ ބޮޑު ގަނޫނެއް އޮތް އިރުގައި ލިޔަމުން އައިސް ފަހުކޮޅަށް އައިސް ވަރަށް ބޮޑަށް މަސްވެރިން ތަޅު އަޅުވާ ގޮތަށް ބިލު މިއޮތީ." މެމްބަރު ސައީދު ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު -- ފޮޓޯ / މަޖިލިސް

ސައީދު ވިދާޅުވީ ނުކުރެވޭނެ ކަންތައްތަކެއް 70 ސޮފުހާގެ ގާނޫނެއްގައި ލިޔެފައި މަޖިލީހަށް ވެއްދީމައި އެއީ "ދެރަވަރު" ކަމަށެވެ. އެ ބިލު މިހާރުއޮތް ގޮތަކުން މަސްވެރިކަމަށް އަންނާނެ ކުރިއެރުމެއް ނެތް ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަސްވެރިކަމުގެ ބިލަށް ކޮމިޓީ މަރުހަލާގައި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ބިލުގައި ތަފްސީލުކޮށް ހިމަނަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އީވާ ފާހަގަކުރެއްވި އެވެ. އެގޮތުން މަސްވެރިކަމުގެ ބިލުގެ މަގްސަދުގެ ގޮތުގައި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު އާމްދަނީއާ ނަފާ ހޯދައި ދިނުން ހިމަނަން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.

"މި ބިލު އަޅުގަނޑުމެން ބަދަލު ކުރަންޖެހޭ މުޅި މަގްސަދަކީވެސް އެއީ. މުޅި ދުނިޔޭގައި މަހަށް އެ ލިބޭ ބޮޑު އަގު ދިވެހި މަސްވެރިޔާއާ ހަމައަށްވެސް އައުން. އަދި މަސްވެރިން އޮޑިވެރިން އެކުރާ މަސައްކަތުގެ ފުރިހަމަ ނަފާ ތާ އަބަދަށް ލިބޭނޭ ގޮތްވެސް ވުން." އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ފައިލް ފޮޓޯ/ މަޖިލިސް

އޭގެ އިތުރުން މަސްވެރިންގެ ހައްގުތައް ރައްކާކޮށްދޭންވެސް ބިލުގައި ހިމެނެން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ. އަދި މަސްވެރިނަށް ޕެންޝަނެއް ކަށަވަރުކޮށްދިނުމާއި ޒުވާން މަސްވެރިން މަސްވެރިކަމަށް ނެރޭނެ ގޮތްތަކެއް ތަފްސީލުކޮށް ބިލުގައި ލިޔަން ޖެހޭ ކަމަށް އީވާ ވަނީ ވިދާޅުވެފަ އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ފަސް ގަރާރެއް ހުށަހަޅައި މަޖިލީހުން ފާސްކުރި އިރު، އެ ގަރާރުތަކުގައި ބުނާ ބައެއް ވާހަކަތައް ބިލުގައި ނެތް ކަމަށެވެ. އަދި އެއީ ކޮމިޓީ މަރުހަލާގައި އިސްލާހުކުރަން ޖެހޭ ކަމެއް ކަމަށް ޝަފީގު ވިދާޅުވި އެވެ.

ބިލުގައި ކަންބޮޑުވާ ބައެއް ކަންކަން ހުރިކަންވެސް ޝަފީގު ފާހަގަ ކުރެެއްވި އެވެ. އެގޮތުން ކޯޓު އަމުރެއް ނެތި މަސް ފެކްޓްރީ ތަކަށް ވަދެ ބަލައި ފާސްކޮށް ތަކެތި ހިފެހެއްޓޭ ގޮތަށް އޮތް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝަފީގު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގާނޫނެއް ހަދާއިރު އޭގެތެރެއިން ނާޖާއިޒް ފައިދާއެއް ނެގުމުގެ ފުރުސަތު ހަނިކުރަން އެބަޖެހޭ. ރާއްޖޭގައި ގާނޫނުތައް އޮންނަ ގޮތުން އޭގެ ބޭނުން އެބަކުރޭ އަބަދުވެސް ވެރިކަމުގައި ހުންނަ ފަރާތުން ސިޔާސީ ފައިދާތައް ހާސިލު ކުރުމަށް. އާންމުގޮތެއްގައި ކަން ކުރެވެމުންދާ އުސޫލު." ޝަފީގު ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު --- ފޮޓޯ/ މަޖިލިސް

މަސްވެރިކަމުގެ ބިލުގައި މަސްވެރިންނަށް ނަފާ ލިބޭ މާ ގިނަ ކަންތައްތަކެއްގެ ވާހަކަ ހިމަނާފައެއް ނުވެ އެވެ. ގިނަ ބާރުތަކެއް ފިޝަރީޒް މިނިސްޓްރީ އަދި މިނިސްޓަރުގެ މުށުތެރެއަށް ބިލުން ދޫކޮށްލާފައިވާއިރު ބިލުގައި ބޮޑަށް ތަފްސީލުކޮށްފައި ހުރީ މަސްވެރިނަށް ދޭނެ ބޮޑެތި އަދަބުތަކެއްގެ ވާހަކަ އެވެ.

މަނާ މަސްވެރިކަމުގެ ބާއްވަތްތައް

ބޮޑުދަލު މަސްވެރިކަން، އޮޔާދާ ދަލު މަސްވެރިކަން، ދަމާ ދަލު މަސްވެރިކަން، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުން، ދޫކުރާ ދަނގަޑު ބޭނުންކޮށް ކުރާ މަސްވެރިކަން، ގޮވާއެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުން، ރޮދުލުން

  • ތަންފީޒީ އޮފިސަރުން (ފުލުހުންނާއި، ސިފައިންނަށް) އެއްބާރުލުން ނުދިނުން - އަދަބެއްގެ ގޮތުން ދެލައްކަ ރުފިޔާގެ ޖޫރިމަނާ

  • ލައިސަންސް ނެތި އައިސްޕްލާންޓެއް ނުވަތަ މަސްފެކްޓްރީއެއް ގާއިމް ކުރުމަކީވެސް ކުށެއް - އަދަބެއްގެ ގޮތުން މަސްފެކްޓްރީ ނުވަތަ
  • އައިސްޕްލާންޓުގެ ވެރިފަރާތް އަދި އޮޕަޓޭރަރު ހިމެނޭ ގޮތަށް ކޮންމެ ފަރާތެއް ހަތަރު ލައްކައިން ޖޫރިމަނާ ކުރެވޭނެ

ޖޫރިމަނާ ކުރުމުގެ ބާރު މަސްވެރިކަމުގެ ބިލުން ދީފައިވަނީ ފިޝަރީޒް މިނިސްޓްރީއަށެވެ. އެހެން ނަމަވެސް އެ ބިލުގައި ބުނާ ގޮތުން އެއްވެސް ކުށެއް ކޮށްގެން ޖަވާބުދާރީ ވުމުގެ ފުރުުސަތު ނުދީ މަދަނީ އަދަބެއް ކަނޑައެއް ނޭޅޭނެ އެވެ.