އޮންލައިންކޮށް ނުވަތަ ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކޮށް، އޭގެ ވިޔަފާރި ކުރުމަކީ މަނާ ކަމެއް ކަމަށާއި އެގޮތަށް ވިޔަފާރި ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.

ބޭހާ ބެހޭ ގަވާއިދުގައިވާ ގޮތުން، އިންޓަނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާ އެކުލެވޭ ބާވަތްތައް އަމިއްލަ ބޭނުމަށް އެތެރެ ކުރަންވާނީ، ސައްހަ ބޭސް ސިޓީއެއް އޮވެގެންނެވެ.

އަދި ވިޔަފާރީގެ ގޮތުގައި އިންޓަނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ އެއްވެސް ބާވަތެއް އެތެރެކޮށް ވިއްކުމަކީ މަނާކަމެކެވެ.

އެހެން ނަމަވެސް، އޮންލައިންކޮށް ގަނެގެން ޕޯސްޓުގެ ޒަރީއާއިންނާއި އަތްމަތީ ގެނެސްގެން ވިޔަފާރީގެ ގޮތުގައި އިޝްތިހާރުކޮށް، އެކި ގޮތްގޮތަށް، ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ ބާވަތްތަކުގެ ބޭސްތައް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ އެގޮތަށް އެތެރެކުރާ ބޭސްތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށް، އޭގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭސްތަކެއް ނޫން ކަމަށެވެ.

އަދި ބައެއް ބޭހުގައި އެކުލެވިގެންވާ ހުރިހާ މާއްދާތައް ލޭބަލްގައި ހިމަނާފައި ނުވާކަމާއި ބޭހުގައި އެކުލެވިގެންވާ މާއްދާތައް ކިޔަން އެނގޭނެހެން ލޭބަލްތަކުގައި ނުހުންނަ ކަންވެސް ހެލްތު މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފަ އެވެ.

"ވީމާ، ގަވާއިދާ އެއްގޮތަށް މިއޮތޯރިޓީން ނަންގަވަން ޖެހޭ ހުއްދަތައް ނުނަންގަވާ މިގޮތަށް ބޭސް އިމްޕޯޓްކޮށް ވިއްކުމަކީ މަނާކަމެއް ކަމަށާއި މިފަދަ ފަރާތްތަކާ މެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި ވެސް ދެންނެވީމެވެ." ހެލްތު މިނިސްޓްރީ އިން ބުނެފައިވެ އެވެ.