03 Nov 2011, 23:25
ސާފުތާހިރުކަން ގެއްލި އަދި މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ބޭނުންކޮށްގެން ކާ އެއްޗެތި އުފެއްދި މައްސަލަތަކެއް ފެންމަތިވެ، ފެންޓަސީ ބޭކަރީގެ ހުއްދަ ބާތިލުކޮށް ތަން ބަންދުކުރިތާ ހަފުތާއެއް ނުވަނީސް، 100،000ރ. އިން ޖޫރިމަނާކޮށް ތަން ހުޅުވުމުގެ ހުއްދަދޭން ސިޓީ ކައުންސިލުން ނިނަމައިފި އެވެ.
ސިޓީ ކައުންސިލްގެ މެންބަރު ޖަންބު ހަސަން އަފީފު މިރޭ ވިދާޅުވީ އިއްޔެ އޮތް ކައުންސިލްގެ ބައްދަލުވުމުގައި ފަސް މެންބަރެއްގެ ތާއީދާ އެކު އެތަނުގެ ލައިސަންސް ދިނުމަށް ނިންމި ކަމަށެވެ.
އޭނާ ވިދާޅުވީ ކައުންސިލުން އެތަނަށް ހުއްދަ ދިނުމަށް ނިންމީ، މުއްދަތު ހަމަވެފައިވާ ތަކެތި ބޭނުންކޮށްގެން ވޭތުވެ ދިޔަ ތިން އަހަރު، ކާބޯތަކެތި އުފައްދައި ވިއްކި ކަމުގެ މައްސަލައެއް ފެންމަތިވެ، އަދި ޕްރޮސިކުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެ މައްސަލަ ބެލުމަށް ފުލުހުންނަށް އަންގައި އަދި އެކަން ސިޓީ ކައުންސިލްގެ ސަމާލުކަމަށް ފުލުހުން ގެނެސްފައި ވަނިކޮށް ކަމަށެވެ.
އަފީފު ވިދާޅުވީ ހާއްސަކޮށް، ޕީޖީ އެ މައްސަލަ ބެލުމަށް ފުލުހުންނަށް އަންގަވާފައި ވަނިކޮށް ހުއްދަ ދޭން ނުފެންނަ ކަމަށް އޭނާ ވަކާލާތު ކުރެއްވި ކަމަށާއި ނަމަވެސް ސިޓީ ކައުންސިލްގެ ފަސް މެންބަރުންގެ އަޣުލަބިއްޔަތުން އެގޮތަށް ނިންމީ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހުއްދަ ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ އޭނާ އާއި މުހައްމަދު ފަލާހު އެކަނި ކަމަށެވެ.
ހަސަން ވިދާޅުވި ގޮތުގައި ފެންޓަސީ ބޭކަރީ އަށް އަލުން ހުއްދަ ދޭން ނުފެންނަ ކަމަށް އޭނާ ވަކާލާތު ކުރެއްވީ ފަހަރެއްގައި ވެސް ޒާތީ ކަމެއްގައި ނޫން ކަމަށާއި ނަމަވެސް އާންމުގެ ކެއިން ބުއިމާ ގުޅުން ހުރި ކަމެއްގައި އަދި ޕީޖީ އެ މައްސަލަ ބަލަން އަންގަވާފައި ވަނިކޮށް، ހުއްދަ ދޭން ނުފެންނަ ކަމަށް ވަކާލާތު ކުރެއްވީ ކަމަށެވެ.
އެ މައްސަލައާ ބެހޭ ގޮތުން މާލޭ ސިޓީގެ މޭޔަރު އަލިމަނިކާ މިރޭ ގުޅުމުން ވިދާޅުވީ އެ މައްސަލާގައި އެއްވެސް އެއްޗެއް ވިދާޅުވާން އަދި ބޭނުންފުޅު ނުވާ ކަމަށެވެ.
ސާފުތާހީރުކަން ދައްވެގެން ފެންޓަސީ ބޭކަރީ، ސިޓީ ކައުންސިލުން، ބަންދުކޮށް ހުއްދަ ބާތިލު ކުރީ މިދިޔަ މަހު 26 ގަ އެވެ.
ނަމަވެސް ފެންޓަސީ ބޭކަރީގެ ބޭރުގައި ލިޔެފައި ވަނީ މަރާމާތަށް ބަންދުކޮށްފައިވާ ކަމަށެވެ.