03 Nov 2011, 22:13
އދ. ގެ ތައުލީމާއި ސައިންސް އަދި ސަގާފަތާ ބެހޭ ޖަމިއްޔާ (ޔުނެސްކޯ) އިން ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމަށް ނެގި ވޯޓުގައި ރާއްޖެއަށް ބައިވެރިނުވެވުނީ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދަށް އެރި އޮޅުންތަކެއްގެ ސަބަބުންކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ވޯޓު ނެގީ މިދިއަ މަހުގެ 31 ވަނަ ދުވަހު އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސާކް ސާމިޓް ނިމެންދެން އައްޑު އަތޮޅުގައި މަޑު ކުރެއްވުމަށް މިއަދު އައްޑުއަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ޔުނެސްކޯއިން ފަލަސްތީނަށް ދާއިމީ މިނިވަންކަން ދިނުމަށް ނެގި ވޯޓުގައި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ބައިވެރިވާކަމަށް ވިދާޅުވެ އެކަން ހިނގައިދިޔަގޮތް ކަމާބެހޭ ފަރާތްތަކަށް ދަންނަވަން އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދަށް މިހާރު އަންގަވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަށް އެ ވޯޓުގައި ބައިވެރިނުވުމަކީ ވަރަށްބޮޑަށް ހިތާމަކުރަންޖެހޭ ކަމެއްކަމަށެވެ. އެއީ ވީ ދެރަކަމެއް ކަމަށެވެ.
"އަޅުގަނޑަށް ލަފާކުރެވޭގޮތުގައި މިނިސްޓާ އޮފް އެޑިޔުކޭޝަނަށް ވޯޓުލާންވީ ދުވަހުގައި އެތަނުގެ ޖަލްސާގައި ބައިވެރިވާންވީ ގަޑިތަކާއި، އެބާވަތުގެ އޮޅުންތަކެއްގައި ހަގީގަތުގައި ވޯޓުގައި ބައިވެރިނުވެވި އޮތީ. އެއީ ވަރަށްބޮޑު ދެރައެއް، ވަރަށް ބޮޑު ހިތާމައެއް، އެއީ އޮޅުމެއް އެޑިޔުކޭޝަން މިނިސްޓަރު އަރިހުގައި އަޅުގަނޑު އެދިފައި އޮންނާނެ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އެ ވޯޓާއި އެސޯސިއޭޓް ވާކަމަށް. އެއީ އަޅުގަނޑުމެން ދޭންބޭނުންވާ ވޯޓެއް ކަމަށް. އަލުން އަނބުރާ ޔުނެސްކޯ އަށާއި ކަމާއިގުޅޭ ފަރާތްތަކަށް ސިޓީ ފުޅަކުން ދަންނަވައި ދެއްވާށޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޔުނެސްކޯ ވޯޓުގައރާއްޖެ އިން ބައިވެރިނުވުމުގެ ފަހަތުގައި ރިޝްވަތުގެ މައްސަލަތަކެއް އެބަހުރި ކަމަށް ލަފާ ކުރެވޭ ކަމަށް ޕީޕީއެމުން ވަނީ ތުހުމަތު ކޮށްފަ އެވެ.