ސްރީނަގަރު (އޮގަސްޓު 18): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ލޭންޑްލައިން ފޯނުގެ ހިދުމަތް އަނެއްކާވެސް ބޭނުން ކުރެވޭ ގޮތް ހަދަން ފަށާފައިވާ ކަމަށް އިންޑިއާއިން ބުނެފި އެވެ.

ކަޝްމީރު ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ ޝާހިދު ޗޯދުރީ އިއްޔެ ވިދާޅުވި ގޮތުގައި އެސަރަހައްދުގެ 100 ޓެލެކޮމިއުނިކޭޝަން ސިސްޓަމްގެ ތެރެއިން 17 ސިސްޓަމެއް މިހާރު ވަނީ ބޭނުން ކުރެވޭ ގޮތް ހަދާފަ އެވެ. އަދި ޖައްމޫގެ ފަސް ސަރަހައްދަކަށް މޮބައިލް އިންޓަނެޓް ބޭނުން ކުރެވޭ ގޮތް މިހާރު ވަނީ ހަދާފަ އެވެ.

މީގެ އިތުރުން ޖައްމޫ އެންޑް ކަޝްމީރުގައި ހަރަކާތްތެރިވާ ފުލުހުން ވަނީ އެސަރަހައްދުގައި އެއްވެ އުޅުން މަނާ ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ލުއިކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި މާދަމާ ސްކޫލުތަކާއި ސަރުކާރުގެ އޮފީސްތައް ހުޅުވާނެ ކަމަށް އިންޑިއާ ސަރުކާރުން ބުންޏެވެ.

މިމަހުގެ ކުރީކޮޅު ކަޝްމީރުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރީ އިންޑިއާގެ ގާނޫނު އަސާސީން ކަޝްމީރަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ މާއްދާ 370 އުވާލުމާ ގުޅިގެންނެވެ. އެމާއްދާ އުވާލުމުގެ ސަބަބުން ކަޝްމީރަށް ވަނީ އެސަރަހައްދުގެ ކަންތައްތަކާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ބާރާއި އަމިއްލަ ގާނޫނު އަސާސީއެއް އެކުލަވާލުމުގެ ބާރު ގެއްލިފައެވެ.

މީގެ އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެގައުމުގެ މައި ސަރުކާރުން ސީދާ ބާރު ހިންގާ ގޮތަށް، ކަޝްމީރު ދެ ޔޫނިއަން ޓެރިޓަރީއަކަށް ބަހާލަން ފާސްކޮށްފައެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަޑާކް އެއް ޓެރިޓަރީއަށެވެ.