ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުޒާހަރާ ކުރުން ހަނިކުރަން އެއްވެއުޅުމާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހު އުވާލައި ކުރިން އޮތް ގޮތަށް އެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެއްވެއުޅުމާ ބެހޭ ގާނޫނު އިސްލާހު ކުރީ، ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން ނޫން ގޮތަކަށް މާލޭގައި އެއްވުންތަކާއި މުޒާހަރާތައް ބޭއްވުން މަނާކަމެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. މީގެ އިތުރުން އެއްވުންތައް ބޭއްވޭނީ ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ވެސް ކަނޑައެޅި އެވެ.

ރައީސް އޮފީހުން ބުނީ، ކުރީ ސަރުކާރުގައި އެއްވެއުޅުމާ ބެހޭ ގާނޫނަށް ގެނެސްފައިވާ އެ އިސްލާހު ތަކަކީ އެވަގުތު އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ގެނެސްފައިވާ އިސްލާހުތަކެއް ކަމަށެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުތައް ފާސްވެއްޖެ ނަމަ، ކުރިން ހުއްދަ ހޯދުމެއް ނެތި މުޒާހަރާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި މުޒަހަރާ ކުރެވޭނީ ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަންތަނުގައި ކަމަށް އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެއްވެއުޅުމާ ބެހޭ ގާނޫނު އިސްލާހު ކުރަނީ ފުލުހުންގެ ހުއްދަ ހުއްދައަކާއެކު ނޫން ގޮތަކަށް މާލޭގައ އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ނުބޭއްވޭނެ ކަމަށް އޮންނަ ބައި އުނިކުރުމަށް ކަމަށެވެ. މީގެ އިތުރުން މުޒާހަރާތައް ބޭއްވޭނީ ހޯމް މިނިސްޓްރީއިން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ކަނޑައަޅާފައިވާބައި އުނިކުރަން ވެސް އެ ގާނޫނަށް އިސްލާހު ހުށަހެޅި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެއީ އެ ގާނޫނު އެންމެ ފުރަތަމަ ވުޖޫދަށް އައި އިރުވެސް އޮތް ގޮތެވެ.

ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ނޫނީ މަންފާއެއް ދިނުމަށް އަދި އާންމުންގެ ހައްގުތައް ހަނިވާ ގޮތަށް ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުރާޖައާކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.