03 Nov 2011, 17:07
ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށް މެލޭޝިޔާގެ ނެކްސްބިޒާއެކު ވެފައިވާ 39 މިލިއަން ޑޮލަރު (601 މިލިއަން ރުފިޔާ) ގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލައާއި މެދު ސިވިލްކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން އެ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓާލުމަށް ސިވިލްކޯޓުން ރޭ ވަގުތީ އަމުރެއް ނެރެފިއެވެ.
އޭސީސީން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅާފައިވަނީ އިއްޔެ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު މެލޭޝިއާގެ ނެކްސްބިޒާއި ހަވާލުކުރި އެ މަސައްކަތް ހުއްޓާލުމަށް އޭސީސީ އިން އިމިގްރޭޝަނަށް އެންގިއެވެ.
އޭސީސީން ބުނީ ލިޔުމުން އެކަން އިމިގްރޭޝަނަށް އެންގީ އެ ކޮމިޝަނަށް ބަޔަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން، އޭސީސީން އެކަން ބެލިއިރު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެކަން ކޮށްފައިވާތީކަމަށެވެ.
ނަމަވެސް އޭސީސީން އެގޮތަށް އަންގާފއިވަނިކޮށް އިމިގުރޭޝަނުން ވަނީ އެ އެގްރީމެންޓުގައި މެލޭޝިޔާގެ ނެކްސްބިޒާއެކު ސޮއިކޮށްފައެވެ.