ޖަކާޓާ (އޮގަސްޓް 17) : އިންޑޮނީޝިޔާގެ ކަލިމަންޓާން އަށް ބަދަލުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވަމުން ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާއިން ކަލިމަންޓާން އަށް ބަދަލުކުރަނީ ގިނަ ސަބަބުތަކާ ގުޅިގެން ކަމަށާއި މިކަމުގައި ޕާލަމެންޓްގެ މެންބަރުންގެ ހުއްދައަށާއި އަދި އިންޑޮނީޝިޔާ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

ޕާލަމެންޓްގައި ދެއްވި ރިޔާސީ ބަޔާނުގައި ވިޑޯޑޯ ވިދާޅުވީ ވެރިރަށް ޖަކާޓާއިން ކަލިމަންޓާން ސަރަހައްދަށް ބަދަލުކުރަނީ ފަންނީ އަދި ތިމާވެށީގެ މައްސަލަތަކާ ގުޅިގެން ގައުމުގެ މުސްތަގްބަލަށް ޓަކައި ކަމަށާއި ވެރިރަށުގެ ގޮތުގައި ކަލިމަންޓާން ތަރައްގީ ކުރެވިއްޖެނަމަ އިންޑޮނީޝިއާގެ އިގްތިސާދީ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީއަށް އާދައާ ޚިލާފު ހެޔޮ ބަދަލުތަކެއް އަންނާނެކަމުގައެވެ.

އިންޑޮނީޝިއާގެ މިހާރުގެ ވެރިރަށް ޖަކާޓާ

ރިޕޯޓްތައް ބުނާގޮތުން ކަލިމަންޓާން ސަރަހައްދުގައި ވެރިރަށުގެ ގޮތުގައި އެންމެ ފުރަތަމަ ތަރައްގީ ކުރަނީ ގާތްގަނޑަކަށް 30 ހާސް ހެކްޓަރުގެ ސަރަހައްދެކެވެ. މިކަމަށް މަދުވެގެން 10 އަހަރު ނަގާނެކަމަށް ބެލެވިފައިވާއިރު އެރަށުގައި ދިރިއުޅޭނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 1.5 މިލިޔަން މީހުންގެ އާބާދީއެކެވެ. އައު ވެރިރަށް ބިނާކުރުމުގެ ފުރަތަމަ ފިޔަވައްސަށް ގާތްގަނޑަކަށް 55 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

ޖަކާޓާ އާއި އެރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ގާތްގަނޑަކަށް 30 މިލިޔަން މީހުން ދިރިއުޅޭއިރު ކަލިމަންޓާން އަށް ވެރިކަން ބަދަލުކުރިނަމަވެސް އިންޑޮނީޝިއާގެ އިގްތިސާދީ މައި ހަބުގެ ގޮތުގައި ދިގުމުއްދަތެއް ވަންދެން އޮންނާނީ ޖަކާޓާއެވެ.

ޖަކާޓާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ވާރޭ ވެހިލާއިރަށް ފެންބޮޑުވުމާއި އެރަށުގެ ގިނަ ސަރަހައްދުތަކުގެ ބިންގަނޑަށް އަންނަ ބަދަލުތަކާއެކު ވަރަށް ބޮޑަށް ގަބައިގެން އަޑިއަށް ދާންފަށާފައި ވުމުގެ އިތުރުން މީހުން ބައިބޯވެ ތޮއްޖެހުމުގެ މައްސަލަ ހިމެނެއެވެ.

ޖަކާޓާގައި ގިނައީ ގަނބާ ސަރަހައްދުތަކެވެ. އެ ސަރަހައްދުތަކުގެ ބިންގަނޑަށް އަންނަ ބަދަލުތަކާއެކު ކުރިޔަށްއޮތް ތިރީހަކަށް އަހަރުތެރޭގައި އެސިޓީގެ ބޮޑުބައެއް ކަނޑުގެ ސަތަހުން ތިރިއަށް ގޮސް ދިރިއުޅެން ކަމުނުދާވަރުގެ ތަނަކަށް އެތަންތަން ވާނެކަމަށް ކަމާބެހޭ ފަންނީ މާހިރުން ވިދާޅުވެއެވެ.

ކަލިމަންޓާން ޖަޒީރާ

ކަލިމަންޓާން އަކީ ބޮނެއޯ ޖަޒީރާގައި އޮންނަ އިންޑޮނީޝިޔާގެ ބައެވެ. ބޮނެއޯ ޖަޒީރާގައި އިންޑޮނީޝިޔާގެ އިތުރުން މެލޭޝިޔާގެ ސަބާހް ސްޓޭޓާއި ސަރަވަކް ސްޓޭޓް އަދި ބުރުނާއީ ހިމެނެއެވެ. ބުރުނާއި އޮންނަނީ ބޮނެއޯ ޖަޒީރާގެ ހުޅަނގު އުތުރުގައެވެ. މެލޭޝިޔާގެ ސަބާހް އޮންނަނީ އުތުރުގައެވެ. ސަރަވަކް ސްޓޭޓް އޮންނަނީ އެ ޖަޒީރާގެ ހުޅަނގު ގައެވެ. އިންޑޮނީޝިއާގެ ބައިކަމަށްވާ ކަލިމަންޓާން އަކީ އެޖަޒީރާގެ މެދުތެރެއާއި އިރުމައްޗާ އަދި ދެކުނެވެ. ކަލިމަންޓާން އަކީ ބޮނެއޯ ޖަޒީރާގެ ގާތްގަނޑަކަށް 73 އިންސައްތައެވެ.

އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ ވެރިކަމުގައި އެގައުމުގެ ތަރައްގީގެ ދުވެލިވަނީ އެގައުމުގެ ތާރީޚުގައިވެސް ނުދާވަރުގެ ހަލުއި ސްޕީޑެއްގައި ކުރިޔަށްދާން ފަށާފައެވެ. ބޭރުގެ އިންވެސްޓްމަންޓްތައް އާދަޔާ ޚިލާފަށް އިތުރުވެގެންދިޔުމާއި ސިނާއަތާއި ޓޫރިޒަމް ކުރިއެރުމާއި ތަރައްގީގެ ޒަމާނީ އިންފްރާސްޓްރަކްޗާ ބިނާކުރުމުގައި ވިޑޯޑޯގެ ފާއިތުވި ފަސްއަހަރުގެ ވެރިކަމުގައި އެގައުމުވަނީ އޭޝިއާގައި ޗައިނާ ކުރިޔަށްދާ ސްޕީޑްގައި ކުރިޔަށް ގޮސްފައެވެ.

ގާތްގަނޑަކަށް 300 ވަރަކަށް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނީޝިއާއަކީ އޭޝިއާގައި ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދެވެ. މިއަހަރުގެ ކުރީކޮޅު އިންޑޮނީޝިއާގެ ރައްޔިތުން ވިޑޯޑޯ ދެވަނަ ދައުރަކަށް އިންތިޚާބު ކުރީވެސް ފުރަތަމަ ދައުރުގައި އޭނާގެ ދައްކަވާލެއްވި ތަރައްގީގެ ހަލުއި ސްޕީޑްގެ ސަބަބުންނެވެ.

ވިޑޯޑޯ ވަނީ ދެވަނަ ދައުރުގައި އިންޑޮނީޝިއާއިން ފަގީރުކަން ނައްތާލައި މަގުތަކާއި ހައިވޭތަކާއި ރޭލްވޭތަކާއި އެއާޕޯޓްތައްފަދަ އެނޫންވެސް ތަރައްގީގެ އިންފްރާސްޓްރަކްޗާ ވަރަށް ޒަމާނީ ފެންވަރެއްގައި ތަރައްގީކޮށް ގެދޮރުގެ މައްސަލައާއި ވަޒީފާގެ މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ވައުދު ރައްޔިތުންނަށް ވެ ވަޑައިގެންފައެވެ.

މި ވައުދާއެކު އިންޑޮނީޝިއާގެ އިގްތިސާދީ ދުވެލިވެސް އުޅެނީ ގާތްގަނޑަކަށް 5.3 އިންސައްތައިގައެވެ. މި ދުވެލި ހިމެނެނީ ޗައިނާ ފިޔަވައި އޭޝިއާގައި އުޅޭ އެންމެމަތީ އިގްތިސާދީ ދުވެލީގެ ތެރޭގައެވެ. (ނޫސްއެޖެންސީތައް)