ކޯޕަންހޭގަން (އޮގަސްޓު 17): ގްރީންލޭންޑް ގަންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޝައުގުވެރިކަން ފާޅުކުރެއްވިކަން ހާމަވުމުން، ރައީސަށް ގިނަ ބަޔެއްގެ މަލާމާތް ރައްދުވެއްޖެ އެވެ.

ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން ތަފާތު ބައްދަލުވުންތަކުގައި ޓްރަމްޕް ވަނީ އެމެރިކާއިން ގްރީންލޭންޑު ގަތުމާ ބެހޭ ގޮތުން މުޝީރުންނާ ވާހަކަ ދައްކަވާފަ އެވެ. އަދި ޓްރަމްޕް ގްރީންލޭންޑަށް ޝައުގުވެރިކަން ފާޅު ކުރައްވަނީ އެގައުމުގެ ގުދުރަތީ ވަސީލަތްތަކާއި ސަރަހައްދީ ގޮތުން އެގައުމު އޮންނަ ތަނުގެ ސަބަބުން ކަމަށް އެނޫހުގައިވެ އެވެ.

އެރިޕޯޓަށް ރައްދު ދެމުން ގްރީންލޭންޑުގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމު އޮތީ ވިއްކާ ގޮތަކަށް ނޫން ކަމަށް ބުނެފަ އެވެ.

"ގްރީންލޭންޑް އޮތީ ވިޔަފާރިއަށް ހުޅުވާލާފަ. ނަމަވެސް މިގައުމު އޮތީ ވިއްކާ ގޮތަކަށް ނޫން،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.

ގްރީންލޭންޑަކީ އަމިއްލަ ވެރިކަމެއް އޮންނަ ޑެންމާކްގެ ޓެރިޓަރީއެކެވެ. އަދި އެރިޕޯޓާ ގުޅިގެން ރަސްމީ ގޮތެއްގައި ޑެންމާކުގެ ސަރުކާރުންވެސް އަދި ވައިޓް ހައުސްއިން ވެސް ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ.

ނަމަވެސް ޑެންމާކުގެ ސިޔާސީ އިސް ބައެއް ފަރާތްތަކުން ވަނީ ޓްރަމްޕަށް ފާޑު ވިދާޅުވެ، މަލާމާތް ކުރައްވާފަ އެވެ.

"[ގްރީންލޭންޑް ގަތުމާ ބެހޭ ގޮތުން ޓްރަމްޕް] އަސްލުވެސް ވިސްނާ ނަމަ އެއީ އޭނާގެ ބުއްދި ގޯސްވެފައިވާ ކަމުގެ ހެކި،" ޑޭނިޝް ޕީޕަލްސް ޕާޓީގެ ފޮރިން އެފެއާޒް ތަރުޖަމާނު ވިދާޅުވި އެވެ.

ގްރީންލޭންޑުގެ އާބާދީ 57،000އަށް އަރަ އެވެ. އަދި އެއީ އެމެރިކާގެ އަސްކަރިއްޔާ އާއި އެގައުމުގެ ބެލިސްޓިކް މިސައިލް އާލީ ވޯނިން ސިސްޓަމަށް މުހިއްމު އަސްކަރީ މަރުކަޒެއް ހުންނަ ގައުމެކެވެ.