03 Nov 2011, 16:40
ވޮޝިންޓަން (އޮކްޓޯބަރ 3) އެމެރިކާގައި އުފައްދާ އެންމެ ފެންވަރުމަތީ ޓެކްނޮލޮޖީގެ ޢަސްކަރީ މަތިންދާބޯޓު ކަމަށްވާ "އެފް 35 ޖޮއިންޓް ސްޓްރައިކް" އިންޑިޔާއަށް ވިއްކުމަށް އެދޭކަން އެމެރިކާ ސަރުކާރުން ހާމަކޮށްފިއެވެ.
އެމެރިކާގެ ދިފާޢީ ވަޒީރުގެ ނައިބުގެ އެހީތެރިއެއް ކަމަށްވާ ރޮބަޓް ޝެއަރ ވިދާޅުވިގޮތުގައި "އެފް 35 ޖޮއިންޓް ސްޓްރައިކް" އިންޑިޔާއަށް ވިއްކަން އެމެރިކާ ބޭނުންކަމަށާއި މިކަމާބެހޭގޮތުން އިންޑިޔާ ސަރުކާރާ ވާހަކަދައްކަން އެމެރިކާ އޮތީ ތައްޔާރަށެވެ. ނަމަވެސް އެމެރިކާގައި އުފައްދާ އެންމެ ފެންވަރުމަތީ ޓެކްނޮލޮޖީގެ ޢަސްކަރީ މަތިންދާބޯޓު ގަތުމުގެ ޝައުޤުވެރިކަން އިންޑިޔާގެ ކިބާގައިހުރިކަން ނުވަތަ ނޫންކަން އަދި ނޭންގޭ ކަމަށް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
އިންޑިޔާ ތަންކޮޅެއްކުރިންވަނީ އެމެރިކާގައި އުފައްދާ ތަންކޮޅެއް ދަށްފެންވަރުގެ ޢަސްކަރީ މަތިންދާބޯޓު ތަކެއް ކަމަށްވާ އެފް 18 އާއި އެފް 16 ގެ ފައިޓަރޖެޓް އިންޑިޔާއަށް ވިއްކަން އުޅުމުން އެކަމާ ދެކޮޅުހަދާފައެވެ. އެމެރިކާއަށް ކުރިމަތިވެފައިވާ އިޤްތިސާދީ އަދި މާލީ މައްސަލަތައް ޙައްލުކުރުމަށާއި އެމެރިކާ ވެއްޓިފައިވާ އިޤްތިސާދީ ވަޅުގަނޑުން އެރުމަށްޓަކައި އެމެރިކާ ގެންދަނީ އެޤައުމުގެ ހަތިޔާރު ގަތުމަށް ރަޙްމަތްތެރި ޤައުމުތަކަށް ހުށަހަޅަމުންނެވެ.
އިންޑިޔާފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކަށްވުމަށް މަސައްކަތްކުރާ ޤައުމުތަކުން އިސްކަންދެނީ ބޭރުޤައުމުތަކުން ހަތިޔާރު ގަތުމުގެ ބަދަލުގައި އެޤައުމުތަކުގެ ހަތިޔާރުގެ ޓެކްނޮލޮޖީ އަމިއްލައަށް ތަރައްޤީ ކުރުމަށެވެ. ރިޕޯޓްތައް ބުނާގޮތުން ގަލްފުގެ ޢަރަބި ޤައުމުތައް ފިޔަވައި އެމެރިކާގެ ހަތިޔާރު އެންމެ ބޮޑަށް ގަންނަ ޤައުމުތައް ކަމަށްވާ ތުރުކީ، ދެކުނު ކޮރެޔާ ފަދަ ޤައުމުތަކުން ގެންދަނީ އެމެރިކާގެ ހަތިޔާރު ގަތުމުގެ ބަދަލުގައި އަމިއްލަ ޓެކްނޮލޮޖީގައި ހުރިހާ ބާވަތެއްގެ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން ޗައިނާ، އިންޑިޔާ، ބްރަޒިލް، އިސްރާއީލް، އާޖެންޓީނާ އަދި އީރާނަކީ އަމިއްލަ ޓެކްނޮލޮޖީގައި ހަތިޔާރު ތަރައްޤީކުރުމުގައި އެންމެ ބޮޑެތި ކާމިޔާބީތައް ހޯދަމުންގެންދާ ޤައުމުތައް ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް