ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިދިޔަ ޖުލައި މަހު 3808 މީހަކު ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯޓު ކޮށްފައިވެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނާ ގޮތުން ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ އެ ރޯގާ ޖެހިފައި ތިބި މީހުން އަތް ނުދޮވެ ކާ އެއްޗިހީގައި އަތްލުމުންނެވެ. އަދި އެހިސާބުން ދެން ތިބެ މީހުންނަށް އެ ބަލި ޖެހުމަށް މަގުފަހިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއިން ރައްކާތެރިވުމަށް ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ފާހާނާ ކުރުމަށް ފަހު ނުވަތަ ނެޕީ ބަދަލު ކުރުމަށް ފަހު ރަނގަޅަށް އަތްދޮވުން ފަދަ ކަންކަން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.

ރޯގާގެ އަލާމާތްތައް

  • ގަދައަށް ހުން އައުން
  • ބަނޑުގައި ރިއްސުން
  • ކާހިތް ނުވުން
  • ގައިގައި ރިއްސުން
  • ފާހާނާ ދެވުމާއި ހޮޑުލެވުން

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެ ކޮންމެ އަހަރެއްގެވެސް ޖުލައި އަދި އޮގަސްޓު މަހު ބޭރަށް ހިންގުމާއި ހޮޑުލުން ވަނީ އިތުރުވެފަ އެވެ.