ދަ އައިލެންޑު ނޫހުގެ ޝަމިންދުރަ ފާޑިނަންޑް ލިޔުނު ރިޕޯޓުގެ ތަރުޖަމާ: އަހުމަދު ނާއިފު

ނޮވެމްބަރު 3، 1988 ގައި ރާއްޖޭގައި އޭރު އޮތް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރު ވައްޓާލުމަށް ތަމަޅަ ޓައިގަރުންނާ ގުޅިގެން ރާއްޖެއަށް ހަމަލާދިނީ މައުމޫންގެ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ނުދިނުމުން މަޖުބޫރުވެގެން ކަމަށް އެ ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބުނެފި އެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލައަށް 23 އަހަރު ފުރުނު އިރު މީޑިޔާ އަކަށް އޭނާ ދިން ފުރަތަމަ އިންޓަވިއު، ލަންކާގެ ދުވަހު ނޫހެއް ކަމައްވާ "ދަ އައިލެންޑް" ނޫހަށް ވަނީ ދީފަ އެވެ. އެ ނޫހުގެ އިއްޔެގެ އަދަދަށް ލުތުފީ ދީފައިވާ އަދި ނުނިމޭ އިންޓަވިއުގައި ބުނެފައިވަނީ ނޮވެމްބަރު ތިނެއްގެ ހަމަލައަކީ ކޮންމެ ގޮތެއް ހަދައިގެން ވެސް ރައީސް މައުމޫން، ވެރިކަމުން ބޭރުކުރުމަށް ހިންގި އަމަލެއް ކަމަށެވެ. އިންގިލާބަކުން މައުމޫން ބޭރުކުރަން ކުލީ ސިފައިން ގެނައީ އިންތިހާބެއް މެދުވެރިކޮށް ކާމިޔާބު ހޯދަން އިދިކޮޅު ފަރާތްތަކަށް ރާއްޖޭގައި ފުރުސަތު ނުދޭތީ "ބޭރުގެ ބާރެއް ބޭނުންކޮށްގެން ނޫން އެހެން ގޮތަކަށް" މައުމޫންގެ ސަރުކާރު ވައްޓާލެވެން ނެތިގެން ކަމަށެވެ.

"އަހަރެން ބޭނުންވީ ކޮންމެ އަގެއް ދީގެން ވެސް މައުމޫންގެ ކިބައިން ސަލާމަތްވާން. އިންތިހާބުތަކުގައި އިދިކޮޅު ފަރާތްތަކަށް އެއްވެސް ފުރުސަތެއް ނެތް. އެހެންވެ އަހަންނަށް ފެނުނީ މައުމޫން ބޭރުކުރަން ބޭރުގެ ބާރެއްގެ ބޭނުން ހިފަން ޖެހެޔޭ. އެނޫން ގޮތެއް ނެތޭ. އެގޮތުން އަހަންނާ ގާތްގުޅުމެއް އޮންނަ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާއަތުގެ ލީޑަރު އުމާ މެހޭޝްވަރަމް އާ ގުޅިގެން 80 މީހުންގެ ވަރުގަދަ ލަޝްކަރެއް ރާއްޖެ އެރުމަށް ތައްޔާރުކުރީ. 1987 ވަނަ އަހަރާ ޖެހެންދެން މަޝްވަރާކުރިން ކަނޑުމަގުން ރާއްޖެއަށް ހަމަލާދިނުމަށް ވެސް،" ބޮޑުވެފައި ތިބި ތިން ފިރިހެން ކުދިންނާއެކު މިވަގުތު ލަންކާގައި ހުރި ލުތުފީ ބުންޏެވެ.
~
ނޮވެމްބަރު3، 1988ގެ ފަތިހު ވެރިރަށް މާލެއަށް ދިން ހަމަލާދީ 19 ދިވެއްސަކު ޝަހީދުކޮށްލި އެ ހަމަލާތައް ރޭވުމުގެ މަޝްވަރާތަކުގައި ކަނޑުމަގުން ރާއްޖެއަށް ހަމަލާތަކެއް ދިނުމުގެ ވާހަކަތައް ހުއްޓައިލީ "އިންޑޯ ލަންކާ ޕީސް އެކޯޑް"ގެ ދަށުން އިންޑިޔާގެ ސުލްހަ ބަލަހައްޓާ ފައުޖުތަށް ލަންކާގެ އުތުރާއި ދެކުނުގައި ގާއިމްވުމުން ކަމަށްވެސް ލުތުފީގެ އިންޓަވިއުގައި އޭނާ ބުނެފައި ވެއެވެ.

ލުތުފީ ބުނީ އޭނާ އިސްވެ ހުރެ ދިން ހަމަލާ ކާމިޔާބުވެއްޖެނަމަ ރާއްޖޭގައި ޕްލޮޓްގެ މަރުކަޒީ ބޭހެއް ހެދުމަށް ނުވަތަ އެޖަމާއަތުގެ ދަށުގައި ރާއްޖޭގެ ބަޔެއް ބާއްވަން އެއް ބަސްވެފައި ނުވާނެ ކަމަށާއި އެއީ ދޮގު ވާހަކައެއް ކަމަށެވެ.

"މައުމޫނާއި އޭނާގެ ސަޕޯޓަރުން ތުހުމަތު ކުރާހެން ޕުލޮޓުން އެއްވެސް އިރެއްގައި ނޫޅެ ރާއްޖޭގެ ބަޔެއް ކޮންޓްރޯލް ކުރާކަށް. ނޫނީ ރާއްޖޭގައި ބޭހެއް ހަދާކަށް،" ބަޣާވާތް ކުރުމުގެ ކުށް ސާބިތުވެފައިވާ ލުތުފީ ބުންޏެވެ.

ބަޣާވާތް ނާކާމިޔާބުވި ސަބަބުތަށް ކިޔައިދެމުން ލުތުފީ ބުނީ "ރާއްޖެ އައި އިރުވެސް ލޭ އޮހޮރުވުމެއް ނެތް އިންގިލާބެއް ގެނެވޭނޭ ކަމުގެ ޔަގީންކަން އޮތް" ކަމަށެވެ. ނަމަވެސް އެކަން ނާކާމިޔާބުވީ ޑިފެންސް މިނިސްޓްރީ ހުރި، ބިލްޑިންގަށް ވަންނަން މަސައްކަތް ކުރި ގްރޫޕުން "ލޯ ސެކިއުރިޓީ" ދިމާލުން ވަނުމުގެ ބަދަލުގައި ކުއްލިއަކަށް ޑިފެންސް މިނިސްޓްރީއަށް ހަމަލާތައް ދޭން ފެށުމުން ކަމަށެވެ.

"އެއްވެސް މީހަކު މަރާކަށް ނޫޅެން. އޭރުވެސް އެނގޭ މައުމޫންގެ ވަފާތެރިން އަމާން ދޭނެކަން. އެއީ ޕްލޮޓުގެ ހަނގުރާމަ ވެރިންނާ ހަނގުރާމަކުރާކަށް ސިފައިންގެ ގާބިލު ކަމެއް ނެތް. އެކަމަކު މުޅި ހަމަލާ ނާކާމިޔާބުވީ އެޅުނު ހަމަ އެންމެ ޅައެއްޗަކުން. ރުޅިވެރިކަމުގެ ސަބަބުން ކުއްލިއަކަށް ހަމަލާތައް ދޭން ފެއްޓުނީ. އެ ހަމަލާގައި އަހަރުމެންގެ އިސް މީހުން މަރުވި. އެ ހިސާބުން އަހަރުމެން ދޫކޮށްލީ،" ލުތުފީ ބުންޏެވެ.

އޭނާ ބުނީ ރާއްޖޭން ސަޕޯޓްދޭނެ ކަމަށް ބުނި އެއްވެސް މީހަކު އެ ދުވަހު އެހީތެރިނުވި ކަމަށާއި މައުމޫނަށް ބޭރުގެ ފަރާތްތަކާ ގުޅި އެ ހަބަރު ދެވުމަކީވެސް އެދުވަހުގެ ހަމަލާ ނާކާމިޔާބުވުމުގެ ސަބެއް ކަމަށެވެ.

އިންޑިޔާ އާއި ލަންކާގެ ސިފައިން އަންނަ ހަބަރު ލިބުމުން ރާއްޖޭން ފުރައިގެން ގޮސް އިންޑިއާ އާއި ލަންކާގެ ސަރަހައްދުތަކަށް ގޮސް ފިލުމަށް ނިންމީ ކަމަށް ވެސް ބުންޏެވެ. އަދި އެ ދަތުރުގައި މާލޭ ފަޅުގައި އޮތް "އެމްވީ ޕުރޮގްރެސް ލައިޓް" ގައި ދިވެހިންތަކެއް ރަހީނު ކޮށް ދަތުރުފެށީ ކަމަށާއި އިންޑިއާ ސިފައިން ބޯޓުގެ މިސްރާބު ބަދަލުކުރުމަށް އެންގުމުން ޕްލޮޓުން ޖަމާއަތުން، ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން މީހަކު އެ ޖަމާއަތުން ޑެކަށް ނެރެ މަރާލިކަމަށް ވެސް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

އިތުރު ބައެއް އަދިވެސް އަންނާނެ ކަމަށް ބުނެ ޝާއިއު ކޮށްފައިވާ އިންޓަވިއުގައި ލުތުފީ ވަނީ ރައީސް މުހަންމަދު ނަޝީދަކީ އޭނާގެ "ރަނގަޅު ރަށްޓެއްސެއް" ކަމަށް ބުނެ މިހާރުގެ ސަރުކާރަށް ތައުރީފު ވެސް ކޮށްފަ އެވެ.
"ޝައްކެއް ނެތް ގޮތުގައި މައުމޫން ވެރިކަންފަދަ އަނިޔާވެރި ދުވަސްތަކެއް އަހަރެން ނުދެކެން. މި ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ރަނގަޅަށް. ރައީސް ނަޝީދަކީ އަހަރެންގެ ރަނގަޅު ރައްޓެއްސެއް،" ލުތުފީ ބުނިކަމަށް ދަ އައިލެންޑުގައި ލިޔެފައިވެ އެވެ.

ލިޔުމާގުޅޭ ވީޑިއޯ

http://www.youtube.com/watch?v=nPIH1Up4aek