ނިއު ޒީލެންޑް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ދިވެއްސަކު ފޯމު ހުށަހަޅައިފިއެވެ.

އަންނަ އޮކްޓޯބަރު މަހު 12 ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިހާބުގެ ހަޓް ސިޓީގެ ކައުންސިލަރު ކަމަށް ކުރިމަތިލީ ޝާޒްލީ ރަޝީދެވެ.

ޝާޒްލީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބުގައި ވާދަ ކުރުމަށް އިއްޔެ ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ޝާޒްލީ ވިދާޅުވީ، އޭނާގެ އަމާޒަކީ ހަޓް ސިޓީގައި އިތުރު ވިޔަފާރީގެ ފުރުސަތުތައް ހުޅުވި، އިތުރު އިންވެސްޓްމަންޓްތައް ސިޓީއަށް ލިބުމާއެކު ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާ ސިޓީއަކަށް އެ ސިޓީ ހެދުން ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ސިޓީއަކީ ރައްކާތެރި އަދި އާއިލާއެއް ބިނާކުރުމަށާއި ވިޔަފާރިތައް ވެސް ފެށުމަށް އެންމެ ރަނގަޅު ސިޓީއަށް ހެދުމަކީ އަމާޒެއް ކަމަށެވެ.

"ރައްޔިތުންނަށްޓަކައި އަހަރެން ގަދައަޅާ މަސައްކަތް ކުރާނަން. ތިބޭފުޅުންގެ އައިލާއަށްވެސް އަދި ތިބޭފުޅުންގެ ވިޔަފާރިތަކަށްވެސް،" ޝާޒްލީ ވިދާޅުވިއެވެ.

ޝާޒްލީ ވާދަ ކުރާ ހަޓް ސިޓީގެ އާބާދީ 105,000 އަށްވުރެ ގިނައެވެ.

ނިޒިލޭންޑްގައި އައިލާއާއެކު ދިރިއުޅެމުން އަންން ޝަޒްލީ އެގައުމުގައި އަންނަނީ އަމިއްލަ ވިޔަފާރިއެއް ހިންގަމުންނެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދިވެހިން އިންތިހާބުތަކުގައި ވާދަކޮށް މިހާތަނަށް ކާމިޔާބުކޮށްފައި އެބަހުއްޓެވެ. އެގޮތުން އައްވެޓެރި ސްރީލަންކާގެ ކިރުލައްޕަންނަ އަވަށުގެ ކައުންސިލަރު އަހްމަދު އަބްދުﷲ ރަނަވަކަ ސާންތަ (ސިރިސޭނާ އަހައްމަދު) އަކީވެސް ދިވެއްސެކެވެ. އޭނާ ކައުންސިލް އިންތިހާބު ކާމިޔާބު ކުރީ 2015 ވަނަ އަހަރުއެވެ. މީގެ އިތުރުން ޝީޝެލްސްގެ މަޖިލިސް ނައިބު ރައީސް، އަހްމަދު އަފީފަކީ ވެސް ދިވެހި ނަސްލުގެ ބޭފުޅެކެވެ. ސީޝަލްސްގެ މަޖިލިސް މެމްބަރުކަމަށް 2016 ސެޕްޓޭމްބަރުގައި އިންތިހާބުވި އަފިފު މަޖިލިސްގެ ނައިބު ރައީސް ކަމަށް އައީ މިިދިޔަ އަހަރު މާޗު މަހުއެވެ.