ދިހަ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އުތުރުގެ އޮތޮޅެއްގެ ރަށަކުން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ މެންދުރު 1:30 އެހާކަށް ހާއިރުއެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން މިއަދު 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހާގެ ބަންދަށް ކޯޓުން 15 ދުވަސް މިއަދު ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެެވެ.

ކުޑަކުއްޖަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، މި ހަފްތާތެރޭ ތ. ވޭމަންޑޫގައި 19 އަހަރުގެ އަންހެނަކަށް ޖިންސީގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި މިއަހަރު މިހާތަނަށް އެ އިދާރާއަށް 269 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މިދިޔަ މަހު އެފަދަ 58 މައްސަލައެއް ހުށަހެޅުނު އިރު، މި މަހު މިހާތަނަށް 15 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.