03 Nov 2011, 14:32
އދ. ގެ ތައުލީމާއި ސައިންސް އަދި ސަގާފަތާ ބެހޭ ޖަމިއްޔާ (ޔުނެސްކޯ) އިން ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމަށް ނެގި ވޯޓުގައި ރާއްޖެ އިން ބައިވެރި ނުވީދިވެހި ސަރުކާރުން ބައިވެރިނުވުމުގެ ފަހަތުގައި ރިޝްވަތުގެ މައްސަލަތަކެއް އެބަހުރި ކަމަށް ލަފާ ކުރެވޭ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު، ޑރ. އަފްރާޝީމް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްރާޝީމް ވިދާޅުވީ ފަލަސްތީނަށް ވޯޓު ނުދެވުނު ގޮތާ ބެހޭ ގޮތުން ސަރުކާރުން ދައްކަމުންދާ އުޒުރުތައް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެނީ ނާޖާއިޒު ބޭނުންތައް ފުއްދައިދޭ ފަރާތްތަކަށް ކަމަށާއި ފަލަސްތީނަށް ވޯޓު ދިނުމުގައި ބައިވެރިވެފައި ނުވަނީ ފަލަސްތީނުން ނުހައްގު ގޮތުގައި ފައިސާ ނުބަހާނެ ކަން ސަރުކާރަށް އެނގޭތީ ކަމަށެވެ.
"މިނިވަން ދައުލަތަކަށް ހެދުމަށް ޓަކައި ފަލަސްތީނާ އެއްކޮޅަށް ވޯޓު ނުދިން ނުދިނުމަކީ ފަލަސްތީނާ ދެކޮޅަށް ދިން ވޯޓެއް. މިކަހަލަ ކަންކަމުގައި މިމީހުން (ދިވެހި ސަރުކާރު)ގެ މައްޗަށް މީގެ ކުރިން ވެސް ތުހުމަތުވެފައި އެބަ ހުރި ފައިސާގެ މައްސަލަތައް. ރިޝްވަތުގެ މައްސަލަތައް. ފަލަސްތީނުން ނުދޭނެ ރިޝްވަތެއް. އެއީ އަޅުގަނޑުމެން އިތުބާރުކުރާ ގޮތް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުސްލިމުންނަކީ އެއްބަނޑު އެއްބަފާ ބައެއް ގޮތަށް އުޅެން ޖެހޭ ބައެއް ކަމަށާއި އިސްލާމީ ދައުލަތަކުން އަނެއް އިސްލާމީ ދައުލަތަށް އަޅާނުލައި މުސްލިމް ނޫން ގައުމުތަކަށް އިސްކަން ދިނުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އިސްލާމް ދީން ނައްތާލަން ބަޔަކު މަސައްކަތް ކުރަމުންދާ އިރު އިސްލާމީ ގައުމުތަކުގެ މެދުގައި އެކުވެރިކަން ގެއްލިފައިވާ ކަމުގެ މިފަދަ ހެކި ދެއްކުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ޑރ.އަފްރާޝީމް ވިދާޅުވި އެވެ.
ޔުނެސްކޯގެ މެންބަރަކަށް ފަލަސްތީން ހެދުމަށް ނެގި ވޯޓުގައި ރާއްޖެ ބައިވެރި ނުވީ މިނިސްޓަރު ކުއްލި އަކަށް ރާއްޖެ ވަޑައިގަންނަން ޖެހިގެން ކަމަށް އެޑިޔުކޭޝަނުން ވަނީ ބުނެފަ އެވެ. އަދި އެ މިނިސްޓްރީން ބުނީ ފަލްސަތީން ޔުނެސްކޯގެ މެންބަރަކަށް ހެދުމަށް ރާއްޖެ އިން މަސައްކަތް ކުރި ކަމަށެވެ.
ޕީޕީއެމްގެ މިއަދުގެ ތުހުމަތާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބު ޑރ. އަބްދުﷲ ނަޒީރާ ފޯނުން ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.