މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ މަހު 30 ވަނަ ދުވަހު ފުލުހުން ހައްޔަރު ފަސް މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ މަހު 31 ވަނަ ދުވަހު އެ ފަސް މީހުންގެ ބަންދަށް ޖެހި 15 ދުވަސް ހަމަވީ އިއްޔެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ފަސް މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ، މިދިޔަ ބުދަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުން ފަސް މީހުންގެ ބަންދަށްވެސް 15 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި ހަތް ދުވަހުގެ އޮޕަރޭޝަންގައި އެމީހުން ރަށަކުން މާލެ އައި ވަގުތުން ޖެޓީންނެވެ. ފަސް މީހުންގެ ތެރޭގައި ހުރި މީހެއްގެ ދަބަހުން ހަތަރު ރަބަރު ގަނޑުގެ 6.023 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

ފުލުހުން ވަނީ މީގެކުރިން ހައްޔަރު ކުރި ފަސް މީހުންގެ ވަނަވަރުވެސް ހާމަ ކޮށްފައެވެ. އެ ފަސް މީހުންވެސް ވަނީ ބޮޑެތި ކުށްތަކުގައި އެކި ފަހަރު މަތިން ހައްޔަރު ކޮށްފައެވެ. ފަސްމީހުންގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ތިން މީހަކާއި ހއ. ހޯރަފުއްޓަށް ނިސްބަތްވާ ދެ މީހެކެވެ.

ހައްޔަރު ކުރި ފަސް މީހުންގެ ތެރޭގައި މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރިފުޅާ ދާއިރާއެއްގައި ކުރާ "ޑީލަރެއް" ކަމަށްވާ އަބްދުﷲ އިބްރާހިމް، ސ.ހިތަދޫ / ފިނިފަރު ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.