ޖިބްރޯލްޓާ (އޮގަސްޓް 16) : އީރާނުގެ ޓޭންކަރު "ގްރޭސް1" ދޫނުކުރުމަށް ޖިބްރޯލްޓާގައިވާ އިނގިރޭސި ލޯކަލް ސަރުކާރުގެ ކިބައިން އެމެރިކާއިން އެދުނު އެދުމަކީ ކަނޑުފޭރުމުގެ އަމަލު ދެވަނަ ފަހަރަށް އިނގިރޭސީން ލައްވައި ހިންގުމަށް އެމެރިކާ ހިންގި ޣައިރު ގާނޫނީ އަމަލެއްކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޑރ. ޖަވާދު ޒަރީފް ވަނީ ސިފަކުރައްވައިފިއެވެ.

ޖިބްރޯލްޓާ ކަނޑު އޮޅި ހުރަސްކުރަނިކޮށް މީގެ މަހެއްހާ ދުވަސްކުރިން އިނގިރޭސި ސިފައިން ހިފެހެއްޓި އީރާނުގެ ތެޔޮ ޓޭންކަރު "ގްރޭސް1" އިއްޔެ މިނިވަން ކުރުމާ ގުޅިގެން ދެއްވި ބަޔާނެއްގައި އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ "ގްރޭސް1" އިނގިރޭސި ސިފައިން ފުރަތަމަ ހިފެހެއްޓި ހިފެހެއްޓުމަކީވެސް ކަނޑުފޭރުމުގެ އަމަލެއް ކަމަށާ އެ ޓޭންކަރު ދޫނުކުރުމަށް އެދި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ޖިބްރޯލްޓާގައިވާ އިނގިރޭސި ސަރުކާރުގެ ކިބައިން ދެވަނަ ފަހަރަށް އެދުނު އެދުމަކީ ކަނޑުފޭރުމުގެ އަމަލު އިނގިރޭސީން ލައްވައި ދެވަނަ ފަހަރަށް ހިންގުމަށް އެމެރިކާ އެންގި އެންގުމެކެވެ.

އެކަމަށް އިނގިރޭސީން އިޖާބަ ނުދިނުމަކީ އިނގިރޭސި ސަރުކާރުން އެޅި ރަނގަނޅު ފިޔަވަޅެއް ކަމަށާ އެމެރިކާއިން ކަނޑުފޭރުމުގެ އަމަލުތަކަށް ހިއްވަރު ދިނުމާ އަދި އެކަމަށް އެދުނު އެދުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކަށް އެމެރިކާ އިޙްތިރާމް ނުކުރުން ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ސިފަކުރެއްވިއެވެ.

ޔޫރަޕްގެ އިއްތިޙާދުން ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށް ސޫރިޔާއަށް ތެޔޮ ހިފައިގެން ދިޔަކަމަށް ތުހުމަތުކޮށް އިނގިރޭސި ސިފައިން ހިފެހެއްޓި އީރާނުގެ ތެޔޮ ޓޭންކަރު "ގްރޭސް 1" އާއި އޭގެ ފަޅުވެރިން މިނިވަން ކުރަން ނިންމީ ޖިބްރޯލްޓާ ގެ ސްޕްރީމް ކޯޓުންނެވެ. އެ ޓޭންކަރު މިނިވަންކުރީ އެ ޓޭންކަރު ހިފެހެއްޓުމަށް ސްޕްރީމް ކޯޓުން ކަނޑައެޅި މުއްދަތު ހަމަވުމާއެކު އިނގިރޭސި ސަރުކާރުގެ ޕްރޮސެކިއުޓަރުން އެމައްސަލަ އިތުރަށް ކުރިޔަށް ގެންދަން ބޭނުންނުވުމުންނެވެ.

ޖިބްރޯލްޓާގެ ސްޕްރީމް ކޯޓުން "ގްރޭސް1" ދޫކޮށްލުމަށް ނިންމި ނިންމުމުގައި ބުނެފައިވަނީ އޭގައި ހުރި ތެލަކީ، ޔޫރަޕުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސޫރިޔާއަށް ގެންދާތެޔޮކަން ޖިބްރޯލްޓާގައިވާ އިނގިރޭސި ސަރުކާރަށް ސާބިތުކޮށް ނުދެވުމާއެކު އެއީ ސޫރިޔާއަށް ގެންދާ ތެޔޮ ނޫންކަން އީރާނުން ބުނެފައިވާތީ އެޓޭންކަރު ހިފަހައްޓާފައި ބޭއްވުމުގެ ގާނޫނީ ހުއްޖަތެއް ނެތް ކަމުގައެވެ. އަދި އިނގިރޭސި ދައުލަތުގެ ޕްރޮސެކިއުޓަރުން އެމައްސަލަ އިތުރަށް ކުރިޔަށް ގެންދަން ބޭނުންނުވުމާކަންވެސް ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ.

އިނގިރޭސި ސަރުކާރުން އެމައްސަލަ އިތުރަށް ކުރިޔަށް ގެންދަން ބޭނުންނުވީ ގަލްފުގެ ހުރްމުޒް ކަނޑުއޮޅިން ހުރަސްކުރަނިކޮށް އީރާނުން ހިފަހައްޓާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު "ސްޓެނާ އިމްޕެރޯ" މިނިވަންކުރުމުގެ ފުރްސަތު އޮތީ އީރާނުގެ ޓޭންކަރު މިނިވަން ކުރުމުންކަން އިނގިރޭސި ސަރުކާރަށް ޔަގީންވާތީ ކަމަށް ވަނީ ބެލެވިފައެވެ.

އީރާނުގެ ތެޔޮ ޓޭންކަރު މިނިވަންކުރުމަށް ޖިބްރޯލްޓާގެ ސްޕްރީމްކޯޓުން ނިންމުމާއެކު އެ ޓޭންކަރު ފުރުމުގެ ހުއްދަ ޖިބްރޯލްޓާގައިވާ އިނގިރޭސި ސަރުކާރުން ދިނީ އެ ޓޭންކަރު އަދިވެސް ހިފަހައްޓާފައި ބޭއްވުމަށް އެމެރިކާ ސަރުކާރުން އިނގިރޭސި ސަރުކާރަށް އިލްތިމާސް ކުރަމުން ގެންދަނިކޮށެވެ.

ކޯޓުގެ ނިންމުމާއެކު އީރާނުގެ ޓޭންކަރު ދޫކޮށްލުމަށް ޖިބްރޯލްޓާގައިވާ އިނގިރޭސި ސަރުކާރުން ނިންމި ވަގުތުވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެ ޓޭންކަރު ދޫނުކުރުމަށް ޖިބްރޯލްޓާގައި ވާ އިނގިރޭސި ލޯކަލް ސަރުކާރުގެ ކިބައިން އެދެމުން ދިޔައެވެ.

އެކަމަކު އިނގިރޭސީން އިސްކުރީ އެމެރިކާގެ އެދުމަށްވުރެ އިނގިރޭސީންގެ އަމިއްލަ މަސްލަހަތެވެ. އެއީ އީޜާނުގެ ޓޭންކަރު ދޫކޮށްލުމުން އިނގިރޭސި ޓޭންކަރު "ސްޓެނާ އިމްޕެރޯ" އީރާނުން ދޫކޮށްލާނެ ކަމަށް ބަލައިގެންކަމަށާ އެމެރިކާގެ އެދުމަށް އެމެރިކާގެ އެންމެ ގާތް ރަހްމަތްތެރިޔާ އިނގިރޭސިވިލާތުން އިޖާބަ ނުދިނުމުން އެމެރިކާ ލަދުގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖިބްރޯލްޓާ ކަނޑު އޮޅި ހުރަސްކުރަނިކޮށް މީގެ މަހެއްހާ ދުވަސްކުރިން އެންމެ ފުރަތަމަ ޖިބްރޯލްޓާގައިވާ އިނގިރޭސި ލޯކަލް ސަރުކާރުން އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓީވެސް އެމެރިކާގެ އެދުމުގެ މަތިންކަމަށް، ޖިބްރޯލްޓާގެ މިލްކުވެރިކަމަށް ދައުވާކުރާ ސްޕޭންގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވެއެވެ. (ނޫސްއެޖެންސީތައް)