މާލެ ސިޓީ އަމާންތަނަކަށް ހެދުމަށް ފުލުހުން ކުރިއަށް ގެންދާ ނެއިބަހުޑް ސަޕޯޓް ޕްރޮގްރާަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފި އެވެ.

ފުލުހުން ކުރިއަށް ގެންދާ ނެއިބާހުޑް ސަޕޯޓް ޕްރޮގްރާމްގެ ދަށުން ނެއިބަހުޑް ސަޕޯޓް އޮފިސަރުން ދަނީ ގޭގެއަށް ގޮސް އެގޭގޭގައި ދިރިއުޅޭ މީހުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރަމުންނެވެ. އޭގެ އިތުރުން ގޭގޭގެ މީހުން އެހެން ތަނަކަށް ދުވަސްކޮޅަކަށް ދާނަމަ އެތަންތަން ކޮންމެވެސް ވަރަކަށް ޕެޓްރޯލް ކުރުމުގެ މަސައްކަތްވެސް ފުލުހުން ކުރެ އެވެ.

ނެއިބަހުޑް ސަޕޯޓް ޕްރޮގްރާމްއަށް ތައުރީފް ކުރައްވައި މިނިސްޓަރު ޝިދާތާ ވިދާޅުވީ އެ ޕްރޮގްރާމްގެ ސަބަބުން އިޖުތިމާޢީ ގޮތުން ރައްޔިތުންނާ ގުޅުން ބަދަހިވެ، ގާތުން މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެގެން ދާ ކަމަށެެވެ.

މާލެ ސިޓީ އަމާންތަނަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދެއްވެސް މެއެވެ.

ނެެއިބަހުޑް ސަޕޯޓް ޕްރޮގްރާމް ތައާރަފްކުރީ މިދިޔަ ޑިސެމްބަރުމަހުއެވެ.

އެ ޕްރޮގްރާމްގެ ދަށުން އެމެޖެންސީ ނަންބަރު 119 އަށް އަބަދުވެސް ގުޅޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސައިފައެވެ. އޭގެ އިތުުރުން ކޮންމެ އަވަށަކަށް ވަކިން ޕޮލިސް ހެޑްއެއް އަދި ޑިއުޓީ އިންޗާޖެއް ކަނޑައަޅައި އެ އޮފިސަރުންނާ ގުޅޭނެ ނަމްބަރުތައް ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ