03 Nov 2011, 14:21
ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ކޮންމެ ފަހަރަކު އެކަން އެގޮތަށް ދިމާވެފައި ވަނީ ދިވެހިންގެ ތެރެއިން ކޮންމެވެސް ބަޔަކު ދީނަށް ހިޔާނާތްތެރިވުމުގެ ސަބަބުން ކަމަށާއި އެކަމުން އިބުރަތް ލިބިގެންނަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ސިފައިންގެ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އޭނާ ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރަމުން ދާއިރު ހަނދާން ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ދެމެހެއްޓުމުގެ އެންމެ އިސް ދައުރެއް އަދާކުރަމުންގެންދާ ބަޔަކީ ސިފައިން ކަމަށާއި ދިވެހިންގެ ވަހުދަތާއި ސިޔާދަތަކީ ދިވެހިންގެ މެދުގައި އޮތް ދީނީ ވަހުދަތުކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ.
ޑރ. މަޖީދުގެ ވިދާޅުވި ގޮތުގައި ގައުމުގެ ދިފާއުގައި ސިފައިން ކުރަމުން ގެންދާ މިންނެތް މަސައްކަތަކީ ﷲ އިރާދަފުޅާއި ވާގިފުޅާލައިގެން އެކަނލާންގެ މަގުގައި ކުރެވޭ ޖިހާދެއްކަން އަބަދާއި އަބަދު ސިފައިން ހަނދާން ކުރަން ޖެހޭނެ ކަމަށާއި ޖިހާދަކީ ހަމައެކަނި ހަތިޔާރު އަޅައިގެން ނުކުމެ ދުޝްމަނުންނަށް ހަމަލާދީ ކުރާ ހަނގުރާމައެއް ނޫން ކަމަށެވެ. އަދި ޤައުމަށް ކުރިމަތިވާ އެންމެހާ ނުރައްކާތަކުން ގައުމު ދިފާއުކުރުމަށް ޓަކައި އަބަދާއި އަބަދު ހޭލާ ތިބުމަކީ ވެސް ޖިހާދެއް ކަމަށް އިސްލާމިކް މިނިސްޓު ވިދާޅުވި އެވެ.
"ތެދު ނިޔަތުގައި ކުރާ ކޮންމެ ކަމަކީ ﷲ ހަޟުރަތުގައި ކުރެވޭ އަޅުކަމެއް ކަމުގައި ނޫނީ ނުވާނެ. ނިޔަތް ރަނގަޅު ނުވެއްޖެ ނަމަ އެއީ ކިތަންމެ މާތް އަމަލެއް ކަމުގައި ވިޔަސް އެކުރާ ކަމެއް ﷲ ރުއްސަވާނެ ކަމެއް ކަމުގައި ނުބެލެވޭނެ،" ޑރ. މަޖީދު ވިދާޅުވި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ވަނީ މިއަދު ހެނދުނު މާލެ ވަށައި ފޯސް މާޗެއް ޖައިފަ އެވެ. ސިފައިންގެ މާޗް ފެށުނީ ސިފައިން މިއަދު ފަތިސް ނަމާދު ޖަމާއަތުގައި ކުރުމަށް ފަހު، ދުވަހާ ގުޅިގެން ކުރި ހާއްސަ ދުވާއަކުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މިއަދު ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގައި މިއަދު ފާހަގަކުރަމުން ގެންދާ 23 ވަނަ ނަސްރުގެ ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރަން ފަށާފައި ވަނީ 1988 ވަނަ އަހަރު ނޮވެންބަރު3، ގައި ދިވެހިންގެ ބަޔަކު ސްރީލަންކާގެ ކުލީ ސިފައިންގެ ބަޔަކާ ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ދިވެހިންނަށް ލިބުނި ނަސްރާއި ކާމިޔާބީ ފާހަގަކުރުމަށާއި އެދުވަހު ޝަހީދުވި ޝަހީދުންގެ ހަދާނުގަ އެވެ.
އެ ދުވަހު 19 ދިވެއްސަކު ވަނީ ޝަހީދުވެފަ އެވެ.