އިންޑިއާއިން ކަޝްމީރުގައި ގެންގުޅޭ ސިޔާސަތަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ދުންޔާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަޝްމީރުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިކޮށް އިންޓަނެޓްގެ ހިދުމަތް މެދު ކަނޑާލީ އެ ސަރަހައްދުގައި ހަމަޖެހުން ގާއިމްކުރަން ކަމަށް ވިޔަސް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭހާއި ކާނާ ނުލިބި މަރުވަމުންދާ ކަމަށެވެ.

އަދި މިއީ އިންޑިއާއިން ދައުވާ ކުރަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީތޯވެސް ދުންޔާ ވަނީ ސުވާލުކުރައްވައިފައެވެ.

ދުންޔާ ވަނީ އިންޑިއާއިން ކަޝްމީރަށް އަތް ގަދަކޮށް އެތަން ހިފައިގެން އުޅޭ ކަމަށްވެސް ސިފަކުރައްވައިފައެވެ. ކަޝްމީރުގެ މައްސަލައިގައި މީގެ ކުރީގެ ސަރުކާރުތަކުގައި ރާއްޖެއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެެވެ.

ނަމަވެސް މި ސަރުކާރު އައި ފަހުން ފޮރިން މިނިސްޓްރީން ބުނީ ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށެވެ.

ދާދި ފަހުން އިންޑިއާއިން ވަނީ ކަޝްމީރަށް ދީފައި އޮންނަ "އޮޓޯނަމީ" ވެސް ނަގައި އެ ސްޓޭޓް ދެބައިކޮށް ސީދާ މައި ސަރުކާރުގެ ބާރުގެ ދަށުން ހިންގާ ޔޫނިއަން ޓެރިޓަރީތަކެއް ގޮތަށް ނިންމައިފައެވެ.