15 Aug 2019, 23:19
ށ. ކަނޑިތީމުގައި އީދު ފާހަގަކުރުމަށް މިއަދު ބޮޑު މަސްރޭހެއް ބާއްވައިފިއެވެ.
އެ މަސް ރޭސް އިންތިޒާމް ކުުރުމުގައި އުޅުނު ހަސަން ޒަރީރު "ސަން" އަށް މައުލޫމާތު ދެމުން ބުނީ އެ މަސް ރޭހުގައި 17 ޓީމު ބައިވެރިވި ކަަމަށެވެ.
މިއަދު ހެދުނު 09:00 އިން ހަވީރު 04:00 އާ ހަމައަށް ކުރިއަށް ގެންދިޔަ އެ މަސް ރޭހުގައި 328 ކިލޯގެ މަސް ބާނައިފައިވާ ކަމަށްވެސް ޒަރީރު ބުންޏެވެ.
އެ މަސް ރޭހުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ވަނަވަނައަށް އައި ޓީމަށް ވަނީ އިނާމް ދީފައެވެ. އެގޮތުން އެއްވަނައަށް އައި ޓީމަށް 2000 ރުފިޔާ، ދެވަނަ ޓީމަށް 1500 ރުފިޔާ އަދި ތިންވަނަ އަށް އައި ޓީމަށް 1000 ރުފިޔާ ވަނީ ދީފައެވެ.

ކަނޑިތީމުގައި ބޭއްވި މަސް ރޭހުގައި ބޭނި މަސްތައް ކަނޑަނީ--- ފޮޓޯ: ފޭސްބުކް/ ނިލަމެހި
އޭގެ އިތުރުން އެންމެ ގިނައިން ހިބަރާއި، ފިލޮޅާއި ފަނިހަނދި އަދި މާނިޔާމަސް ބޭނި ޓީމުތަކަށްވެސް ވަނީ އިނާމް ދީފައެވެ.
ޒަރީރު ބުނީ އެ މަސް ރޭހުގައި ބޭނި މަސްތައް ބޭނުންކޮށްގެން މިރޭ ރަށު އެންމެނަށް ބޮޑު ބާބަކިއުއެއް ބާއްވައިފައިވާ ކަމަށެވެ.
މިއީ މިގޮތަށް ކަނޑިތީމުގައި ބޮޑު މަސްރޭހެއް ބޭއްވި ދެވަނަ އީދެވެ.