ޑީއާރްޕީގެ ކައުންސިލުން ހުސްވެފައިވާ ހަތަރު ގޮނޑިއަކަށާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރެލްކަމުގެ މަގާމުގެ އިތުރުން ހަޒާންދާރު ކަމަށް ބޭފުޅުން އައްޔަންކޮށްފި އެވެ. އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރީ އެ ޕާޓީން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމެއްގަ އެވެ.

ޑީއާރްޕީގެ ކައުންސިލުގެ ހަތަރު ގޮނޑިއަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ މާލޭ ސިޓީ ކައުންސިލުގެ މެންބަރު އަހުމަދު ހަމީދު (ފްލައި) އާއި ޑރ. ހާމިދު ރަޝީދާއި ކުރީގެ ފިލްމީ ތަރި، އައްސަދު ޝަރީފުގެ އިތުރަށް ވީޓިވީގެ ނިއުސް ކާސްޓަރަކަށް އުޅުނު ގދ. ގައްދޫ ޒީނާ ޒާހިރެވެ.

އެ ޕާޓީގެ ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލް މަގާމަށް އައްޔަން ކޮށްފައިވަނީ ކުރިން ފިޝަރީޒް މިނިސްޓްރީގައި މަސައްކަތް ކުރެއްވެވި އާދަމް ހަލީމެވެ. އަދި ހަޒާންދާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޝަރަފުއްދީން އަބޫބަކުރު އެވެ.

ޑީއާރްޕީގެ ނައިބު ލީޑަރު އަހުމަދު މުހައްމަދު (އަންޑޭ) މިއަދު ވިދާޅުވީ ޑީއާރްޕީގެ ކައުންސިލަށް މެމްބަރުން އައްޔަން ކުރުމަށް ރޭ ބޭއްވިޖަލްސާއަށް ވަޑައިގެންނެވީ 17 ބޭފުޅުން ކަމަށާއި މަގާމުތަކަށް ބޭފުޅުންލައްވާފައި ވަނީ ކައުންސިލުގެ އިއްތިފާގުން ފާސްކޮށްގެން ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އައްޔަން ކޮށްފައިވާ ބޭފުޅުންނަކީ ޕާޓީން އިއުލާނު ކޮށްގެން ހޮވާފައި ތިއްބެވި ބޭފުޅުން ނޫން ކަމަށާއި، އެީ ޑީއާރްޕީގެ ފިކުރަށް ތާއީދުކުރާ ބޭފުޅުންކަމަށްވާތީ ކައުންސިލުގެ މަގާމުތަކަށް ލެއްވި ބޭފުޅުން ކަމަށެވެ.

"ޑިއާރްޕީގެ އަސާސީ ގަވާއިދަކު ނެތް ވަގުތީ ގޮތުން ކައުންސިލަށް އައްޔަން ކުރާ މެމްބަރުންނާއި މެދު އަމަލު ކުރާނެ ގޮތެއް. އެހެންވީމާ އަޅުގަނޑުމެންނަށް އަދި ކައުންސިލަށް ފެންނަ އެންމެ ރަނގަޅުގޮތަށް މިކަން މިކުރީ އަދި ޑީއާރްޕީގެ އަސާސީ ގަވާއިދުގެ 122 ވަނަ މާއްދާގައިވަނީ ކޮންގްރެސްއިން ހޮވާ މަގާމަކުން ބޭފަޅު ހުސްވެއްޖެއްޔާ ދެން އަންނަ ކޮންގުރެސްގައި އެ މަގާމަކަށް ބޭފަޅަކު އިންތިހާބު ކުރެވެންދެއް ޑިއާރްޕީގެ ކައުންސިލަށް އެ އިހުތިޔާރު ލިބިފައިވާކަމަށް،" އަންޑޭ ވިދާޅުވި އެވެ.

ޑީއާރްޕީގެ ކައުންސިލްގެ ހަ ގޮނޑިއެއް އަދި ވެސް އޮތީ ހުހަށެވެ. އަންޑޭ ވިދާޅުވީ ކައުންސިލް މަގާމުތަކާއި އެހެން މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނީ އަންނަ އަހަރު ބާއްވާ އެޕާޓީގެ ކޮންގްރެސްގައި ކަމަށެވެ.