ފިރިހެނަކަށް ބިރު ދައްކައި، އޭޓީއެމް އަށް ގެންގޮސް އެކަންޓުގައި ހުރި ފައިސާތައް ފޭރިގެންފި އެވެ.

މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ 7:17 އެހާކަށް ހާއިރު އެވެ.

ފުލުހުން ބުނީ، ބިރުދައްކައި އެކައުންޓުން ފައިސާތައް ފޭރިގެންފައި ވަނީ 18 އަހަރުގެ ފިރެހެނެއްގެ އަތުން ކަމަށެވެ. އޭނާ އަށް ބިރު ދައްކާފައި ވަނީ ދެ ފިރިހެނެކެވެ.

ދެ ފިރިހެނުން، 18 އަހަރުގެ މީހާ މިއަދު ހަވީރު ޖަމަލުއްދީން ސުކޫލް ކައިރީގައި ހުއްޓާ އޭނާ ބިރު ދައްކައިގެން ގެންދިޔައީ އޮލިމްޕަސް ކައިރީ ހުންނަ އޭޓީއެމްއަށް ކަމަށް ފުލުހުން ބުންޏެވެ.

ފޭރިގެންފައިވަނީ 18 އަހަރުގެ މީހާގެ އެކައުންޓުގައި ހުިރ 1،700 ރުފިޔާ އެވެ. މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލޭގައި މީހަކަށް ބިރު ދައްކައި އެކައުންޓުގައި ހުރި ފައިސާތައް ފޭރިގަތް މައްސަލައެއް މިރޭ ފުލުހުންނަށް ހުށަހެޅުނު އިރު، މާލޭގައި ބިދޭސީއެއްގެ ފޯނު ފޭރިގަތް މައްސަލައެއް ވެސް މިރޭ ފުުލުހުންނަށް ހުށަހެޅުނެވެ.

ބިދޭސީ މީހާގެ ފޯނު ފޭރިގަތް މައްސަލަ ފުލުހުނަށް ހުށަހެޅުނީ މިރޭ 7:19 އެހާކަށް ހާއިރު އެވެ. ފުލުހުން ބުނީ، މައްސަލަ ހުށަހަޅާފައިވަނީ، އަމީނީ މަގު ސްޓެލްކޯ ކައިރީގައި ހުރި ބިދޭސީއެއްގެ ފޯނު، ސައިކަލުގައި ދިޔަ ދެ މީހަކު ފޭރިގެން ކަމަށް ބުނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެންވެސް މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

މި މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަހަރު މިހާތަނަ ފޭރުމުގެ 296 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. މިދިޔަ މަހު ފޭރުމުގެ 53 މައްސަލައެއް ހުށަހެޅުނު އިރު، މިމަހު މިހާތަނަށް ފޭރުމުގެ 15 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.