15 Aug 2019, 19:53
ޕާކިސްތާނާއި އިންޑިއާއާ ގުޅޭ ކަޝްމީރުގެ ބޯޑަރު ސަރަަހައްދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ދެ ގައުމަށް ނިސްބަތްވާ ޖުމްލަ އަށް ސިފައިން މަރުވެއްޖެ އެވެ.
މި އަށް މީހުންވެސް މަރުވެފައިވަނީ، މިއަދު ބޯޑަރު ކައިރީގައި ދެގައުމުގެ ފަރާތުން ބަދަލުުކުރި ބަޑީގެ ހަމަލާތަކުގައެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު، މޭޖާ ޖެނެރަލް އާސިފް ގަފޫރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑީއާ ސިފައިން ހަމަލާތައް ދިން ހަމަލާތަކުގައި ޕާކިސްތާނުގެ ތިން ސިފައިން މަރުވެފައިވާ ކަމަށެވެ. އަދި އެއާއެކު ޕާކިސްތާނުން ދިން ހަމަލާތަކުގައި އިންޑިއާގެ ފަސް ސިފައިން މަރުވެފައިވާ ކަމަށް ގަފޫރުގެ ޓްވީޓްގައި ވިދާޅުވިއެވެ.
ގަފޫރު އެހެން ވިދާޅުވި ނަމަވެސް، އިންޑީއާގެ އަސްކަރިއްޔާއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ގަފޫރުގެ ވާހަކަތައް ދޮގުކުރެއެެވެ. އިންޑިއާ އަސްކަރިއްޔާ އިން ބުނެފައިވަނީ، ބޯޑަރު ކައިރީ ބަދަލު ކުރި ހަމަލާތަކުގައި އެ ގައުމުގެ ސިފައިންގެ ފަސް މީހަކު މަރުނުވާ ކަމަށެެވެ.
އާޒާދުކަޝްމީރުގައި ތިބޭ ޕާކިސްތާނު ފުލުހުންނާ ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމަލާތަކުގައި ޕާކިސްތާނުގެ ދެ މީހަކުވެސް މަރުވެފައިވެއެވެ.
ކަޝްމީރު ބޯޑަރު ކައިރީން ބަދަލު ކުރި ހަމަލާތަކުގައި ސިފައިންގެ އަށް މީހަކާއި ޕާކިސްތާނު ދެ މީހަކު މަރުވެފައި މިވަނީ، ދެ ގައުމުގެ ދެމެދުގައި މިއިން ދުވަހަކުވެސް ގުޅުން ގޯސްނުވާވަރަށް ގުޅުންތައް ގޯސްވެފައި ވަނިކޮށޭވެ.
އިންޑިއާއިން ދާދި ފަހުން ވަނީ ކަޝްމީރަށް ދީފައި އޮންނަ ޒާތީ މިނިވަންކަން ގާނޫނުން އުވާލައި ސީދާ މައިސަރުކާރުގެ ބާރުގެ ދަށަށް ގެންނަން ނިންމައިފައެވެ. އޭގެ ސަބަބުން އިންޑިއާގެ އެހެން ސްޓޭޓްތަކުގެ މީހުންނަށް ކަޝްމީރުން ބިން ގަނެވޭނެއެވެ.
ކަޝްމީރުގެ މިލްކުވެރިކަމަށް އިންޑިއާ އަދި ޕާކިސްތާނުންވެސް ދައުވާ ކުރެއެވެ. ކަޝްމީރުގެ ބޮޑު ބައެއް މިހާރުވެސް ކޮންޓްރޯލް ކުރަނީ އިންޑިއާއިންއެވެ. އަދި ދެން އޮތް ބޮޑު ބައި ޕާކިސްތާނުން ކޮންޓްރޯލް ކުރާއިރު ޗައިނާއިންވެސް ކަޝްމީރުގެ ބައެއް ކޮންޓްރޯލް ކުރެއެވެ.
ކަޝްމީރުގެ މައްސަލައިގައި އިންޑިއާއިން ނިންމި ނިންމުމާ ދެކޮޅަށް ޕާކިސްތާނުން ވަނީ ވަރަށް ބޮޑަށް އަޑުއުފުލައިފައެވެ. އަދި ޕާކިސްތާނުން ވަނީ އެ މައްސަލަ އ.ދ. ގެ ސެކިއުރިޓީ ކައުންސިލްއަށް ހުށަހެޅުމުގެ އިތުރުން ހަނގުރާމައަކަށް ތައްޔާރަށް އޮތް ކަމަށްވެސް ބުނެފައެވެ.