އީދު ފާހަގަ ކުރުމަށް ކުލަ ޖެހުމުގެ ތެރޭގައި ތ. ވޭމަންޑޫގައި 19 އަހަރުގެ އަންހެނަކާ މެދު ބަދުއަހަލާގީ އަމަލު ހިންގި ކަމަށް ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ވޭމަންޑޫގައި އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ރޭ 7:50 އެހާއިރު އެވެ. މި މައްސަލައާ ގުޅީގެން ތުހުމަތު ކުރެވެނީ 31 އަހަރުގެ މީހަކަށް ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، އެއް މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށާއި އަދިވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ، ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތު ވަނީ، އެ ރަށަށް ގޮސް ހުރި ސިފައިންގެ މީހެއް ކަމަށެވެ. އޭނާ ބުނީ އެ ކަންތައް ހިނގާފައިވަނީ ރަށުގެ މަގެއްގެ މަތީ ފިހާރައެއް ކައިރީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ އަދި ބުނީ، އެމީހާ 19 އަހަރުގެ އަންހެން މީހާގެ ކިބައިން ފަހުން މާފަށް ވެސް އެދުނު ކަމަށެވެ.

މިއަހަރު މިހާތަނަށް ޖިންސީ ފުރައްސާރައިގެ 267 މައްސަލައެއް ފުލުހުންގެ އިދާރާއަށް ވަނީ ހުށަހެޅިފަ އެވެ. އޭގެތެރެއިން މި މަހު މިހާތަނަށް ހުށަހެޅި 13 މައްސަލައެއް ހިމެނެ އެވެ.