ހަދަމުންދާ އިމާރާތެއްގައި އަޑުގަދަވެގެން އެތަނަށް އެރި މީހަކު ވެއްޓިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މާފަންނުގައި ކަމަށެވެ. ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 3:10 ގައި ކަމަށެވެ.

"ހަދަމުންދާ އިމާރާތަކުން އަޑުގަދަވާތީ ހިތްހަމަ ނުޖެހިގެން ޖެހިގެން ހުރިގޭގައި ދިރިއުޅޭ ފިރިހެނަކު މަސައްކަތް ކުރަމުން ދިޔަ އިމާރާތަކަށް އަރާ އުޅެނިކޮށް ވެއްޓުނީ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ވެއްޓުނީ 40 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފަސް ވަނަ ފަންގިފިލާގެ ވައިގޮޅިން އޭނާ ވެއްޓުނީ ދެ ވަނަ ފަންގިފިލާއަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ވެއްޓުނު މީހާއަށް ބޭރު ފުށުން މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ. އޭނާއަށް މިހާރު ދަނީ އައިޖީއެމްއެޗްގއި ފަރުވާ ދެމުންނެވެ.

އެ ހާދިސާގައި ވައިގޮޅީގައި އިން ދެ އައުޓް ޑޯ އޭސީ ޔުނިޓްއަށްވެސް ވަނީ ގެއްލުން ލިބިފަ އެވެ.