މޮސްކޯ (އޮގަސްޓް 15) : ރަޝިއާގެ "ޔުރާލް އެއާލައިންސް" ގެ ފްލައިޓް ޔޫ : 6178 ކުއްލި ހާލަތުގައި ޒުވާރި ދަނޑަކަށް މިއަދު ޖައްސައިފިއެވެ.

ރަޝިޔާގެ މީޑިއާ ބުނާގޮތުން "ޔުރާލް އެއާލައިންސް" ގެ އެ ފްލައިޓަކީ އެއާބަސް 321 މަރުކާގެ މަތިންދާބޯޓެއް ކަމަށާ ބޯޓު ކުއްލި ހާލަތުގައި ޖައްސަންޖެހުނީ ސީގަލް ދޫނި ބައިގަނޑެއްގައި ޖެހި އެބޯޓުގެ ދެ އިންޖީނު ހުއްޓުމުންނެވެ. މި ނުރައްކާތެރި ހާދިސާގައި ވިހި މީހުން ޒަޚަމްވެފައިވާއިރު ބައެއް މީހުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް މީހަކު މަރުނުވާ ކަމަށް ރަޝިއާގެ އިމާޖެންސީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ.

"ޔުރާލް އެއާލައިންސް" ގެ ޖެނެރަލް މެނޭޖަރު ސަރްގީ ޗުރަތޯވް އާ ހަވާލާދީ ރަޝިއާގެ ޓާސް ނޫސްއެޖެންސީ ބުނާގޮތުން އެ ބޯޓު މޮސްކޯގެ އިރުދެކުނުގައިވާ ޒުކޯވްސްކީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ކްރައިމިއާގެ ސިންފެރޮޕޯލް އެއާޕޯޓަށެވެ. އެ ބޯޓު ސީގަލް ދޫނި ބައިގަނޑެއްގައިޖެހި އޭގެ އިންޖީނުގެ ތެރެއަށް ބައެއް ދޫނިވަނުމާއެކު ދެ އިންޖީނުވެސް ހުއްޓުމުން އެ ބޯޓު ޖެއްސީ އެއާޕޯޓާ އެއް ކިލޯމީޓަރު ދުރުގައި އޮތް ޒުވާރި ދަނޑަކަށް ކަމަށާ ބޯޓު ޖެއްސި އިރު އެއް އިންޖީނުގައި އަލިފާން ރޯވެފައިވާ ކަމަށްވެސް ޗުރަތޯވް އާ ހަވާލާދީ ޓާސް ނޫސްއެޖެންސީ ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ބޯޓު ޖެއްސީ އިންޖީނު ނިވާލައިގެން، ފުރޮޅުވެސް ތިރިނުކޮށެވެ. އެ ހާލަތުގައި އެ ބޯޓު ސަލާމަތްތެރިކަމާއެކު ބިމަށް ތިރިކޮށް ކާމިޔާބުކަމާއެކު ޖެއްސުމަކީ މުއުޖިޒާތެއް ފަދަ ކަމެއްކަމަށް ރަޝިއާގެ މީޑިއާއިންވަނީ ސިފަކޮށްފައެވެ. މިއާއެކު އެ ބޯޓުގެ ކެޕްޓަން ޑަމީރް ޔުސުޕޯވަކީ ބަޠަލެއްގެ ކަމަށްވެސް ރަޝިއާގެ އެތަށްބަޔަކު ގެންދަނީ ސިފަކުރަމުންނެވެ.

"ޔުރާލް އެއާލައިންސް" ގެ ބޯޓުގެ ދެ އިންޖީނު ތެރެއަށް ދޫނިވަނުމާއެކު ދެ އިންޖީނު ފެއިލްވެ ހުއްޓުނުއިރު އެބޯޓު އޮތީ ހާހެއްހާ މީޓަރު އުހުގައި ކަމަށާ ބޯޓު ޖެއްސި ޒުވާރި ދަނޑަކީ އެއާޕޯޓްގެ ރަންވޭއާ އެއްކިލޯމީޓަރު ދުރުގައިވާ ދަނޑެއްކަމަށް ޚަބަރުތައް ބުނެއެވެ. (ނޫސްއެޖެންސީތައް)