15 Aug 2019, 21:08
ސ. ފޭދޫގައި ހުންނަ އައްޑޫ މެޑިސިޓީގެމޮބައިލް އެޕްލިކޭޝަންލޯންޗުކޮށްފިއެވެ.
އައްޑޫ މެޑިސިޓީގައި މިރޭ އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދެވެ.
މިރޭ ލޯންޗު ކުރެވިގެން ދިޔަ އެޕްލިކޭޝަން މިހާރު އެޕް ސްޓޯ އަދި ޕްލޭ ސްޓޯ އިން ޑަންލޯޑް ކުރެވެން ހުންނާނެ އެވެ. މި އެޕްލިކޭޝަންގެ ސަބަބުން އެ ކްލިނިކުން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
މެޑިސިޓީ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޑޮކްޓަރުންގެ ޝެޑިއުލް ބަލާލައި، ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދާލެވޭނެއެވެ. ހަމަ އެއާއެކު ވިޒިޓިންގް ކޮންސަލްޓޭޝަންތަކަށް އަންނަ ޑޮކްޓަރުންގެ މައުލޫމާތު ދުރާލާ އެނގުމުގެ އިތުރުން، އެ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ވެސް ހެއްދޭނެ އެވެ.
އޭގެ އިތުރުން ޓޯކެން ނަންބަރު ބެލުމާއި، ތަނުން ލިބޭ ހިދުމަތްތަކުގެ ތަފްސީލުތަކާއި، ކްލިނިކްގައި ކުރިއަށްދާ މުހިންމު ކަންތައްތަކުގެ މައުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ބެލެން ހުންނާނެ ކަމަށް މެޑިސިޓީ އިން މައުލޫމާތު ދެއެވެ.

އައްޑޫ މެޑިސިޓީ: މިރޭ ވަނީ އެ ކްލިނިކްގެ މޮބައިލް އެޕްލިކޭޝަން ލޯންޗުކޮށްފައި --- ފޮޓޯ: މެޑިސިޓީ
މެޑިސިޓީގެ މެނޭޖިން ޑައިރެކްޓަރު ރިޝްވާން "ސަން" އަށް ވިދާޅުވީ މޮބައިލް އެޕްލިކޭޝަން ހެދުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ އައްޑޫއަކީ ބޮޑު އަތޮޅަކަށް ވެފައި، އައްޑޫ މެޑިސިޓީގެ ހިދުމަތް ހޯދުމަށް އަތޮޅުތެރެއިން އަންނަ ފަރާތްތަކަށް އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދައިގެން ޓޯކެން ނަމްބަރު ކައިރިވުމުން ކްލިނިކަށް އައިސް، އިތުރު ވަގުތުތަކެއް ކްލިނިކްގައި ހޭދަނުކޮށް ހިދުމަތް ލިބިގެން ދިއުން ކަމަށެވެ.
"މީގެ އިތުރުން މާލޭގައި ދިރިއުޅުއްވާ އައްޑޫ ރައްޔިތުންގެ ބެލެނިވެރިކަން އަދާކުރައްވާ ފަރާތްތަކަށް ރަށަށް ވަޑައިގަންނަވާއިރު އެޕޮއިންޓްމަންޓްތައް ހައްދަވައިގެން ވަޑައިގެން ގިނަ ވަގުތު ކިއުގައި މަޑުކޮށްގެން ތިބެން ނުޖެހި ހިދުމަތް ހޯދުމުގެ މަގުފަހިވެގެން ދާނެ،" އޭނާ ވިދާޅުވިއެވެ.
މި އެޕްލިކޭޝަން ފަރުމާ ކުރި ފަރާތުން ބުނީ މިއީ ޓެކްނޮލޮޖީގެ ގޮތުން ލިބޭ ކުރިއެރުންތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އައްޑޫ ރައްޔިތުންނަށް ކޮށްދިން ކަމެއް ކަމަށެވެ.
މަލްޓި-ސްޕެޝަލިޓީ ކްލިނިކެއްގެ ގޮތުގައި އައްޑޫ މެޑިސިޓީގެ ހިދުމަތް ފަށާފައި ވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހެވެ.
އައްޑޫ މެޑިސިޓީގެ މަގުސަދަކީ ބޭސް ފަރުވާއަށް ކުރަންޖެހޭ ދިގު ދަތުރުތައް ނިމުމަކަށް ގެނެސް، ރައްޔިތުންނަށް ލިބެންޖެހޭ ސިއްހީ ފަރުވާތައް އެންމެ ކައިރިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.