03 Nov 2011, 11:13
ރާއްޖޭގައި ކޯމަސް ފެންގަނޑެއް ހަދަން ސަރުކާރުން ނިންމުމުން، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާއި ރާއްޖޭގެ ޖަމިއްޔާއަކުން އެކަމާ ދެކޮޅު ހަދައި އަޑު އުފުލަން ފަށައިފި އެވެ.
ކޯމަސް ފެންގަނޑެއް ހަދަން ސަރުކާރުން ނިންމާފައި ވަނީ ތިލަފުއްޓާއި ބަރޮހާ ދެމެދުގައި އޮންނަ ފަޅުގަ އެވެ. ފެންގަނޑު ހަދައި ތަރައްގީ ކުރަން ސަރުކާރުން ނިންމާފައި ވަނީ ކުރީގެ ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރަށް 21 އަހަރަށް ކުއްޔަށް ދީގެނެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ތިމާވެށީގެ ޖަމިއްޔާ،. "އިކޯ ކެއާ"ގެ ފައުންޑާ މެމްބަރު މުހައްމަދު ޒާހިރު ]މީމުޒަވިޔަނި[ ވިދާޅުވީ ރާއްޖޭގައި ކޯމަހުގެ ވައްތަރުތައް ހިމާޔަތްކޮށްފައިވާ އިރު ކޯމަސް ބަންދުކޮށްގެން ގެންގުޅެން ފެށުމުން ގާނޫނީ މައްސަލަތަކެއް ނުކުންނާނެ ކަމަށެވެ. ރާއްޖޭގައި ކޯމަސް "ހައްޔަރުކޮށްގެން" ގެންގުޅެން ފަށައިފި ނަމަ ހިމާޔަތް ކުރެވިފައިވާ އެހެން މަސްމަހާމެއްސާއި ޖަނަވާރުތައް ދެއްކުމަށް އެކިފަރާތްތަކުން ބޮޑެތި ޕްރޮޖެކްތައް ހަދައި އެ އެއްޗެހި ހައްޔަރުކޮށްގެން ގެންގުޅެން ފެށުމުގެ ބިރު އެބައޮތް ކަމަށް ވެސް މީމުޒަވިޔަނި ވިދާޅުވި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފެންގަނޑަށްލާން ކޯމަސް ގެންނަނީ ރާއްޖެ އިން ބޭރުން. އަދި އެއީ ރާއްޖޭގައި އުޅޭ ވައްތަރުގެ ކޯމަހެއް ވެސް ނޫން. ރާއްޖެ އަށް އޭލިއަން އެއްޗެހި ގެނައުމަކީ ވަރަށް ބޮޑެތި މައްސަލަތަކެއް ނުކުންނާނެ ކަމެއް. އަޅުގަނޑުމެން ގަބޫލެއް ނޫން، ރާއްޖޭގައި ނޫޅޭ ވައްތަރުތައް ރާއްޖެ އަށް އެތެރެކުރާކަށް. އެފަދަ އެއްޗެހި ރާއްޖެ އަށް އެތެރެކޮށް ތައާރަފު ކުރުމަކީ ރާއްޖޭގެ ތިމާވެއްޓާ އެއްގޮތަކަށް ވެސް ރައްޓެހި ކަމެއް ނޫން،" މީމުޒަވިޔަނި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯމަސް ފެންގަނޑެއް ހެދުމަކީ ރާއްޖެ ފަދަ ގައުމެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ނުރަނގަޅު އަސަރުތައް ކުރާނެ ކަމަށެވެ. ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރުވުމުގެ މަގުސަދުގައި ކޯމަސް ފެންގަނޑެއް ކޮންމެހެން ހަދަން ނުޖެހޭ ކަމަށާއި ޓޫރިސްޓުން ރާއްޖެ އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ހަދަން ބޭނުންވާ ކޯމަސް ފެންގަނޑުގެ މައްސަލައިގައި އިކޯކެއާ އިން ދެކޮޅު ހަދާފައިވާ އިރު ދުނިޔޭގެ ކަނޑުތަކުގެ ދިރުން ރައްކާތެރި ކުރަން މަސައްކަތް ކުރާ ރިއަލިޓީ ޓީވީ ޝޯ، އެމެރިކާގެ "ނޯޓިކަލް ޓްރައިބް" އިން ވެސް ވަނީ ރާއްޖޭގައި ކޯމަސް ފެންގަނޑެއް ހެދުމާ ދެކޮޅަށް ތެދުވެ، ހަރަކަތްތެރިވާން ފަށައިފަ އެވެ.
އެ ޝޯގެ ފަރާތުން ގެންދަނީ އޮންލައިން ޕެޓިޝަނެއް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ފޮނުވުމަށް ތައްޔާރުކޮށް އިންޓަނެޓްގެ ސޯޝަލް ނެޓްވޯކްތަކުގައި ހިންގަމުންނެވެ.
"ނޯޓިކަލް ޓްރައިބް" ފޭސްބުކް، ޕެޓިޝަން ޕޭޖުގައި ބުނެފައި ވަނީ ބޭރުގެ ފަރާތްތަކަށް ދިވެހި ރާއްޖެ އެނގިފައި އޮންނަނީ މޫސުމަށް އަންނަ ބަދަލުތަކަށް ދުރު ވިސްނުންތަކެއް ގެންގުޅޭ ބަޔަކު އުޅޭ ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި ކޯމަހާއި ބޮޑުމަހުގެ ވައްތަރުތައް ހިމާޔަތްކޮށްފައިވާ އިރު ދިވެހި ރާއްޖޭގައި ކޯމަސް ފެންގަނޑެއް ހަދަން ރާއްޖޭގެ ސަރުކާރުން ނިންމައި އެކަމަށް އެކުލަވާލާފައިވާ ޕްރޮޖެކްޓަކީ ބައިނަލްއަގުވާމީ ފަރާތްތަކުން ދެކޮޅު ހަދާ ކަމެއް ކަމަށެވެ.
ފޭސްބުކް ބޭނުން ކޮށްގެން، ޕެޓިޝަނަށް ސޮއި ހޯދުމުގެ ތަފާތު ކެމްޕެއިންތައް ނޯޓިކަލް ޓްރައިބް އިޖީން ކުރިޔަށް ގެންދާ އިރު އެމީހުން ބުނެފައި ވަނީ އަމާޒަކީ 10،000 މީހުންގެ ސޮއި ހޯދުމަށް ފަހު ރައީސް ނަޝީދަށް އެ ޕެޓިޝަން ހުށަހެޅުން ކަމަށެވެ.
ނޯޓިކަލް ޓްރައިބްގެ ޕެޓިޝަން އޮންލައިންކޮށް ހިންގަން ފެށިތާ ތިން ދުވަސް ތެރޭގައި 900 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ އިރު އެ ޕެޓިޝަންގައި ދުނިޔޭގެ އެކި ގައުމުތަކުގެ މީހުނާއި ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ވެސް ސޮއިކޮށްފައިވެ އެވެ.