ލަންޑަން (އޮކްޓޯބަރ 3) ވިކިލީކްސް ގެ މުއައްސިސް ޖޫލިޔާން އަސާންޖް ސްވިޑްންއާ ޙަވާލުކުރުމަށް އިނގިރޭސި ކޯޓަކުން ނިންމާފައިވާ ނިންމުން އިސްތިއްނާފްކުރުމަށް އޭނާ ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް އިނގިރޭސިވިލާތުގެ ހައިކޯޓުން ދެކޮޅު ހަދައިފިއެވެ.

އަސާންޖް ޙަވާލުކުރުމަށް ސްވިޑްންއިން އެދިފައިވަނީ އެޤައުމުގެ އަންހެނަކު ރޭޕްކުރިކަމަށްބުނާ މައްސަލައެއްގައި މިދިޔަ ޖަނަވަރީ މަހުއެވެ. މިމައްސަލަ އިނގިރޭސި ދަށު ކޯޓަކުން ބެލުމަށްފަހު އޭނާ ސްވިޑްންއާ ޙަވާލުކުރަން ފެންނަކަމަށް ނިންމާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއަށްފަހު އަސާންޖްވަނީ އިނގިރޭސި ހައިކޯޓުގައި މިމައްސަލަ އިސްތިއްނާފްކޮށްފައެވެ. ނަމަވެސް އަސާންޖްގެ މައްސަލައާމެދު އިނގިރޭސި ހައިކޯޓުން ގޮތެއްނިންމީ އިއްޔެއެވެ.

ހައިކޯޓުން ބުނީ އިސްތިއްނާފްކުރުމަށް އޭނާ ހުށަހެޅި ހުށަހެޅުން ކުރިޔަށް ގެންދެވެންނެތް ކަމުގައެވެ. މިއާއެކުވެސް ދެހަފްތާ ތެރޭގައި މިމައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއްނާފް ކުރުމުގެ ޙައްޤު އަދިވެސް އަސާންޖަށް ލިބިގެންވެއެވެ.

އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތު ސްވިޑްން އިންެ އަސާންގެ މައްޗަށް ކުރީ އެމެރިކާގެ ރޭވުމެއް ދަށުން އެމެރިކާ އަޑީގައި އޮވެގެންކަމަށް އަސާންގެ ވަކީލުން ތުހުމަތު ކުރެއެވެ. އަސާންޖްގެ ވިކިލީކްސް ވެބްސައިޓުން އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތައް ޝާއިޢުކޮށް އެމެރިކާ ބޭޒާރު ކުރަމުން ގެންދާތީ އެމެރިކާގެ ބޭނުމަކީ އަސާންޖާ ދެކޮޅަށް ބަދަލުހިފުން ކަމަށްވެސް އޭނާގެ ވަކީލުން ތުހުމަތު ކުރެއެވެ.

އަސާންޖް ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ސްވިޑްންއިން ކޮށްފައިވާ އަންހެނަކު ރޭޕްކުރުމުގެ ތުހުމަތުތަކަކީ އެމެރިކާއާއި ސްވިޑްން ގުޅިގެން އޭނާއާ ދެކޮޅަށް ބަދަލުހިފުމުގެ ރޭވުމެއްގެ ދަށުންކުރި ކަމެއް ކަމަށާއި މިކަމަށް ބިރުން އޭނާގެ ވެބްސައިޓުގެ މަސައްކަތް ހުއްޓާނުލާނެ ކަމުގައެވެ. އަދި މިމައްސަލާގައި އޭނާ ސްވިޑްން އާ ޙަވާލުކޮށް ހައްޔަރުކުރިނަމަވެސް އެމެރިކާގެ އަނިޔާވެރި ޢަަމަލުތަކާއި މަކަރުވެރި ރޭވުންތައް ބޭޒާރުކޮށް އެމެރިކާގެ ޙަޤީޤީ ސިފަ ދުނިޔެއަށް ހާމަކުރުމުގައި އޭނާގެ ވިކިލީކްސް ވެބްސައިޓް ކުރިޔަށްދާނެ ކަމަށްވެސް އަސާންޖް ވިދާޅުވެފައިވެއެވެ.
ރޭޕްކުރިކަމުގެ ތުހުމަތު އަސާންޖްގެ މައްޗަށް ކޮށްފައިވާ އަންހެންމީހާ އެކަންކުރީ އެމެރިކާއިން ގިނަޢަދަދެއްގެ ފައިސާ އެއަންހެންމީހާއަށް ދީގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް