ޖިއްދާ (އޮގަސްޓް 14) : ސައޫދީ ސަރުކާރުން އިންޑިއާގައި 75 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރުމުގެ އިބްތިދާއީ އެއްބަސްވުމެއްގައި ދެގައުމުން ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސައޫދީ ގެ ފަރާތުން ސޮއިކުރީ އެގައުމުގެ ތެލާބެހޭ ސަރުކާރުގެ ގައުމީ ކުންފުނިކަމަށް "ސައޫދީ އަރާމްކޯ" އެވެ. އިންޑިއާގެ ފަރާތުން ސޮއިކުރީ އިންޑިޔާގެ "ރެލިއަންސް އިންޑަސްޓްރީޒް ލިމިޓެޑް" އެވެ. މި އިންވެސްޓްމަންޓް ބިނާވެފައިވަނީ ސައޫދީ އަރާމްކޯއިން އިންޑިއާގެ ރެލިއަންސް އިންޑަސްޓްރީޒްގެ ޖުމްލަ ހިއްސާގެ %20 ގަތުމުގެ މައްޗަށެވެ. މިއީ ބޭރުގެ ގައުމަކުން އިންޑިޔާގައި ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.

"ސައޫދީ އަރާމްކޯ" އާއި އިންޑިޔާގެ ރެލިއަންސާ ދެމެދު ސޮއިކުރި "ލެޓަރ އޮފް އިންޓަރެސްޓް" (އެލްއޯއައި) ދަށުން މިކަމާބެހޭ ފަންނީ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު އެ އެއްބަސްވުމުގައި ސޮއިކުރުމުން ރެލިއަންސް އިންޑަސްޓްރީގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އަރަމްކޯ އިން ދުވާލެއްގެ މައްޗަށް 500 ހާސް ފީފާ ތެޔޮ ފޯރުކޮށްދޭނެއެވެ. އަދި ދެކުނު އޭޝިއާގައި ނެތްވަރުގެ ބޮޑު ރިފައިނަރީ އެއްވެސް އިންޑިއާގައި ބިނާކޮށްދިނުންވެސް މި އިންވެސްޓްމަންޓްގައި ހިމެނެއެވެ.

މި އެއްބަސްވުމާ ގުޅިގެން ޕާކިސްތާނުގައި ދަނީ ސައޫދީ އަރަބިއްޔާއާމެދު ނުރުހުން ފާޅުކުރުން އިތުރުވަމުންނެވެ. އިންޑިއާގައި ސައޫދީން 75 ބިލިޔަން ޑޮލަރު އިންވެސްޓް ކުރުމަށް އެގައުމާއެކު ސައޫދީ އަރަމްކޯ އިން ސޮއިކުރި "އެލްއޯއައި" އަށް ޕާކިސްތާނުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިމައްސަލާގައި ޕާކިސްތާނުގެ މަސްއޫލުވެރިއަކު ސީދާގޮތެއްގައި ސައޫދީ އަށް ފާޑުވިދާޅުނުވިނަމަވެސް ޕާކިސްތާން ގެ ރަސްމީ މިޑީއާއިންނާއި ޕާކިސްތާން ސަރުކާރަށް ތާއީދުކުރާ މީޑއާ ތަކާއި ނޫސްވެރިންނާއި ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުގެ މީޑިއާތަކުންވެސް ގެންދަނީ މިކަން ކުށްވެރިކޮށް ސައޫދީ އަށް ފާޑުކިޔަމުންނެވެ.

ސައޫދީ ސަރުކާރުން އިންޑިއާގައި 75 ބިލިއަން ޑޮލަރު އިންވެސްޓްކުރުމުގެ "އެލްއޯއައި" ގައި ސޮއިކޮށްފައިމިވަނީ އިންޑިއާގައި މުސްލިމުންގެ އަގްލަބިއްޔަތު އޮންނަ ހަމައެކަނި ސްޓޭޓް ކަމަށްވާ ޖަންމޫ ކަޝްމީރުގެ ރައްޔިތުންގެ ހައްގުތަކަށް އިންޑިއާ ސަރުކާރުން ފާޅުގައި އަރައިގަންނަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ޖަންމޫ ކަޝްމީރު އިންޑިއާގެ ދަށުގައި ބޭއްވުމަށްޓަކައި އެސަރަހައްދަށް ޚާއްސަ އިމްތިޔާޒްތައް ދިނުމަށް އިންޑިއާގެ ގާނޫނު އަސާސީ އަށް އިތުރުކޮށްފައިވާ 370 ވަނަ މާއްދާ އުވާލައި، ކަޝްމީރަކީ އިންޑިއާގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ހެދުމުގެ ރިޔާސީ ޑިކްރީއެއް އެގައުމުގެ ރައީސް ރާމްނާތް ކޯވިންދު ވަނީ ދާދިފަހުން ނެރުއްވާފައެވެ. މިއާއެކު އިންޑިޔާގެ ޕާލަމެންޓުންވަނީ ޚާއްސަ ހާލަތެއް ދީފައިވާ ޖަންމޫ ކަޝްމީރަކީ އިންޑިއާގެ ޔުނިޔަން ޓެރަޓަރީ އެއްކަމަށް ނިންމައި ދެ ސްޓޭޓަކަށް ކަޝްމީރު ބަހާލުމުގެ ބިލެއްވެސް ފާސްކޮށްފައެވެ.

ޕާކިސްތާނުގެ މިޑީއާތަކުން ވަނީ މިއީ ކަޝްމީރުގެ މުސްލިމުންގެ ބިންތައް ފޭރިގަތުމަށް އިންޑިއާ ހިންގާ ޖަރީމާތަކަށް ސައޫދީން ހިއްވަރު ދިނުންކަމަށް ތުހުމަތުކޮށްފައެވެ. ޗައިނާއިން އެގައުމުގެ ޒިންޖިއާންގް ޕޮރްވިންސްގައި މުސްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލުތައް ހިންގަމުން ގެންދިޔައިރު އެ ޕްރޮވިންސްގެ މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ގެންގުޅޭ ސިޔާސަތަށް ސައޫދީ މަސްއޫލުވެރިން ފާޅުގައި ތާއީދުކުރައްޥާފައިވެއެވެ.

އެ އަމަލުތައް ޗައިނާއިން އެންމެ ބޮޑަށް ހިންގި ދުވަސްވަރު ސައޫދީ ސަރުކާރުން ވަނީ ޗައިނާގައި 10 ބިލިއަން ޑޮލަރު އިންވެސްޓުކުރުމުގެ އެމްއޯޔޫ އެއްގައިވެސް ސޮއިކޮށްފައެވެ. އިންޑިއާގެ ރެލިއަންސް އިންޑަސްޓްރީޒް ލިމިޓެޑް އަކީ އިންޑިއާ ސަރުކާރާ ގުޅުންތައް ވަރަށް ބޮޑު އަމިއްލަ ކުންފުންޏެކެވެ.

"ރެލިއަންސް އިންޑަސްޓްރީޒް ލިމިޓެޑް" އަކީ އެއާ ގުޅިފައިވާ ވަރަށް ގިނަ ސަބްސިޑިއަރީ ކުންފުނިތައްވެސް ހުންނަ ބިޔަ ކުންފުންޏެކެވެ. އެކުންފުނި ނިސްބަތްވަނީ އިންޑިއާގެ ބިލިޔަނަރެއްކަމަށްވާ މުކޭޝް އަންބާނީ އަށެވެ. "ރެލިއަންސް އިންޑަސްޓްރީޒް ލިމިޓެޑް" ގެ ޖުމްލަ އެސެޓް 140 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށްވެއެވެ. (ނޫސްއެޖެންސީތައް)