03 Nov 2011, 09:51
ތ. މަޑިފުށީގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވީ މީހަކު މަރުވެއްޖެ އެވެ. މަރުވީ މަޑިފުށީ ކިނާރާ ހައުސް، މުހައްމަދު މުނީޒު،21، އެވެ.
ރޭ އިރާކޮޅު ހިނގި އެ އެކްސިޑެންޓުގައި މުނީޒު މަރުވީ އޭނާ ދުއްވަމުން ދިޔަ ސައިކަލު ގަހެއްގައި ޖެހި ބޮލަށާއި ފަޔަށް ލިބުނު ސީރިއަސް ޒަހަމްތަކެއްގެ ސަބަބުން ކަމަށް ފުލުހުންގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމު މިއަދު ވިދާޅުވި އެވެ.
މަޑިފުށީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މުނީޒް އެ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާގެ އަނގަ އާއި ނޭފަތާއި ކަންފަތުން ލޭ ފައިބަމުން ދިޔަ ކަމަށާއި އޭނާގެ ކަނާތުފައި ވެސް ބިނދިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މުނީޒު މަރުވީ ލ. އަތޮޅު ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދިނުމަށް އެ އަތޮޅަށް ދަތުރު ކުރަމުންދިޔަ މަގުމަތީގައި މިއަދު ކަމަށެވެ.