ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ސްރީލަންކާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ މިއީ ރައީސްގެ ދެކަނބަލުން އެ ގައުމަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަދި މިދަތުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

ބެލެވޭ ގޮތުގައި މިއީ ރައީސްގެ ދެކަނބަލުން އީދު ޗުއްޓީ ދަތުރުފުޅެވެ. ރައީސްގެ ދެކަނބަލުންގެ އާއިލީ ބޭފުޅުން ލަންކާގައި ދިރިއުޅުއްވަ އެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ދާދި ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ރައީސްގެ އީދު ދަތުރުފުޅު ލަސްކުރެއްވީ، ރޭ ރާއްޖެ އާއި ލަންކާގެ ގައުމީ ވޮލީޓީމް ކުޅުނު ރަހުމަތްތެރި ކަމުގެ މެޗް ބައްލަވާލައްވާފައި ފުރާވަޑައިގަތުމަށެވެ.

އެ މެޗް ރޭ ޝަރަފުވެރިކޮށްދެއްވީ ރައީސް ސޯލިހެވެ.

ނައިބު ރައީސް ފައިސަލް ނަސީމްގެ ދެކަނބަލުން އީދު ފާހަގަ ކުރައްވަން ވަޑައިގެންނެވީ ލ އަތޮޅަށެވެ. އަދި އެ އަތޮޅުގައި ބާއްވާ އީދު ކުޅިވަރުތަކުގެ އުފަލުގައި އެމަނިކުފާނު އަންނަނީ ބައިވެރިވަމުން އެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް އީދު ފާހަގަ ކުރައްވަން ހުންނެވީ ނައިބު ރައީސްގެ އަރިހުގައި ލ އަތޮޅަށް ވަޑައިގެން އެވެ.