އިންސާނީ މުޖުތަމައެއްގައި ސިޔާސީ ބާރުވެރިކަމެއް ގާއިމު ކުރުމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގެ މެންބަރުންގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމެވެ. އެއީ އިސްލާމް ދީނުގައި އެކަން އޮންނަ ގޮތެވެ. އިސްލާމް ދީން ބާވައިލެއްވުނުތާ އެތައް ގަރުނެއް ފަހުން، މީލާދީން 1776 ވަނަ އަހަރު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ "ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް" ނުވަތަ "މިނިވަންކަމުގެ ގަރާރު" ގައި ބުނެފައި ވަނީ ވެސް އެކަން އޮންނަން ޖެހޭނީ އެހެން ކަމަށެވެ. އެހެންކަމުން މުޖުތަމައުގައި ސިޔާސީ ބާރުވެރިކަން އުފައްދައި، އެ ބާރުވެރިކަން ދުސްތޫރީ އުސޫލުތަކަކާއި އިންތިޒާމުތަކެއްގެ ތެރެއިން ލައިފައި ދައުލަތުގެ ބާރުތަކަކާ ހަވާލު ކޮށް، ދައުލަތެއްގެ ގޮތުގައި މުޖުތަމައު ހިންގުމުގެ އިހުތިޔާރު ދެވެނީ ދައުލަތުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ޒިންމާ އުފުލުމަށް ޓަކައެވެ.

އެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ މަސައްކަތުގައި އެ ބާރުތައް ފޭލި ވެއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟
އެމެރިކާގެ މިނިވަންކަމުގެ ގަރާރުގައި އޮންނަ އިބާރާތަކުން މާނަ ކުރެވޭ ގޮތުގައި އެހެން ވެއްޖެ ނަމަ އެ ވެރިކަމަކަށް ރައްޔިތުންގެ މައްޗަށް ބާރު ފޯރުވައި، ވެރިކަން ކުރުމުގެ ހައްގު ގެއްލުނީއެވެ. މިއީ ވެސް މާ ކުރީއްސުރެ އިސްލާމީ ސިޔާސީ ނިޒާމުގައި އެކަށައެޅިފައި އޮތް އުސޫލެކެވެ. މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުއްޞިއްދީޤު ޚިލާފަތުގެ ފުރަތަމަ ތަގުރީރުގައި ވިދާޅުވެފައި ވަނީ މުސްލިމުން އެކަލޭގެފާނަށް ކިޔަމަންތެރިވުން ވާޖިބު ވަނީ އެކަލޭގެފާނު ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާ ކުރައްވާހައި ހިނދަކު ކަމަށެވެ. ﷲ ގެ އަމުރުފުޅުތަކުގެ އަސާސީ މުރާދަކީ އިންސާނުންގެ، ނުވަތަ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމެވެ. ތެދު ދެނެގަތުމާއި، ތެދާ އެއްގޮތަށް އުޅުމުގެ ހައްގެވެ. ދިރިހުރުމާއި، މުދަލާއި، ޒާތީ މިނިވަންކަމާއި، އިލްމު ހޯދުމާއި، އަދުލު އިންސާފުގެ ހައްގު ފަދަ އެތައް ހައްގުތަކެއް ރައްކާތެރި ކޮށްދިނުމެވެ. ރައްޔިތުންގެ މި ހައްގުތައް ރައްކާތެރި ކޮށްނުދެވޭ ވެރިކަމަކަށް ވެރިކަން ކުރުމުގެ އެއްވެސް ހައްގެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހޭ ކިޔާ ދައުލަތުގެ ސިޔާސީ ބާރެއްގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ޒިންމާ އާއި މަސްއޫލިއްޔަތާ ހަވާލު ވެގެން ތިބޭ ބަޔަކު ކޮންމެ މަހަކު ރައްޔިތުންގެ ހަޒާނާއިން 82500 ރުފިޔާ މުސާރައިގެ ގޮތުގައި ނަގަން ފަށައިފި ނަމަ އެއީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުން ކަމުގައި ވެދާނެ ބާވައެވެ؟ އެކި ކޮޅުކޮޅަށް ބަލައި ވިސްނާލަމާ ހިންގަވާށެވެ!

ދިވެހިރާއްޖޭގެ ރައްޔިތެއްގެ ނިސްބީ މުސާރަ މަހަކު ދިހަވަރަކަށް ހާސް ރުފިޔާއަށް ވެސް ނާރައެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި މެންބަރުން އެ ނަންގަވާ މުސާރައަކީ ރައްޔިތަކަށް ނިސްބީ ގޮތެއްގައި މަހަކު ލިބޭ އެއްޗަކަށް ވުރެ ގާތްގަނޑަކަށް ނުވަ ވަރަކަށް ގުނަ ބޮޑު އެއްޗެކެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް އައްޑިހަ އިން ސައްތަ މީހުންނަށް އަހަރަކު ވެސް އެ ބޭފުޅުންނަށް މަހު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ ވަރުގެ އާމުދަނީއެއް ނުލިބެއެވެ.

އެ ބޭފުޅުންގެ މުސާރައަކީ 62500 ރުފިޔާއެވެ. އެ މުސާރައިގެ ތެރެއަށް ކޮމިޓީ އެލަވަންސޭ ވިދާޅުވެ 20000 ރުފިޔާއެއް އިތުރު ކުރެއްވިއެވެ. ކޮމިޓީ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަޒީފާގެ ބައެއް ނޫން ބާވައެވެ! ވަޒީފާއަކަށް މުސާރައެއް ކަނޑައެޅިފައި އޮވެ މެ، އެ ވަޒީފާގެ މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތަކަށް ވަކީން އެލަވަންސް ކަނޑައެޅޭނޭ ބުއްދީގެ ހަމަޔަކީ ކޮބައި ހެއްޔެވެ؟

މެންބަރުން ދިރިއުޅުއްވަނީ މާލޭގައެވެ. އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި މާލެއިން އާއިލާއަކަށް ފުދޭ ވަރުގެ ރަނގަޅު އެޕާޓްމަންޓެއް ވިއްސަކަށް ހާސް ރުފިޔާއަށް ލިބެއެވެ. ފަސް ވަރަކަށް މީހުންގެ އާއިލާއަކަށް ކެއުމަށާއި ކަރަންޓަށާއި ފެނަށާއި އިންޓަރނެޓަށާއި ފޯނު ފަދަ އެންމެހައި ޚިދުމަތްތަކަކަށް އެންމެ ގިނަވެގެން ވެސް ފަނަރަ ވަރަކަށް ހާސް ރުފިޔާ ހަރަދު ކޮށްގެން އުޅެވިދާނެއެވެ. އެހެންވިއްޔާ މާލޭގައި ނުހަނު ތަނަވަސް ކަމުގައި އުޅެން ބޭނުން ވަނީ އެންމެ ގިނަ ވެގެން ވެސް 35000 ވަރަކަށް ރުފިޔާ ކަމަށް ބަލަމާ ހިންގަވާށެވެ. އޭގެ އިތުރަށް ރައްކާކުރާނޭ ފައިސާގެ ގޮތުގައި ދިހަވަރަކަށް ހާސް ރުފިޔާ އެއް ކޮށްލައިފި ނަމަ ވާނީ 45000 ރުފިޔާއެވެ. އަޅުގަނޑު ހިތުން މިއީ މަޖިލީހުގެ މެންބަރުންނަށް ވެސް، މިނިސްޓަރުންނަށް ވެސް، އަދި ދައުލަތުގެ އެހެން އިއްޒަތްތެރީންނަށް ދޭން ވެސް ހަމަ ރަނގަޅު މުސާރައެކެވެ. ރައްޔިތުންގެ އެ ބޭފުޅުންނަށް މުސާރަ ދެނީ އެ ބޭފުޅުން މަހުޖަނުންނަށް ހަދާކަށެއް ނޫނެވެ. އެ ބޭފުޅުން ރައްޔިތުންނަށް ހިދުމަތް ކުރައްވާ އިރު، އެ ބޭފުޅުންނަށް އަބުރުވެރި ދިރިއުޅުއްވުމެއް އުޅުއްވޭނޭ ފަދަ މުސާރައެއް ދޭން ވެގެންނެވެ. ނަމަވެސް އެ ބޭފުޅުންނަށް މީގެ ދެގުނަ ނަންގަވައިގެން ނޫނީ ނުއުޅުއްވޭ ނަމަ އެއީ ވިސްނައިލާން ޖެހޭ މައްސަލަ އެކެވެ.

ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ކޮމިޓީ އެލަވަންސޭ އެއެކޭ މިއެކޭ ވިދާޅުވެގެން ރައްޔިތުންގެ ފައިސާއިން އަމިއްލަފުޅު ޖީބަށް ލައްވަން ޖެހެނީ ރައްޔިތުން "އަހަރެމެންގެ ކައިރިއަށް އެހީއަށް އެދިގެން ގިނަ އަދަދަކަށް އަންނާތީ" އެވެ. އިންތިހާބީ ދާއިރާއެއްގެ ރައްޔިތުންގެ ތެރެއިން މެންބަރުންގެ ކައިރިއަށް އެގޮތަށް އެހީއަށް އެދި ސަލާން ޖަހަން، ފައިސާ ހޯދަން އެދިގެން އަންނަނީ ނިސްބަތުން ކިތައް މީހުން ތޯ ބެލިފައި ވޭ ބާވައެވެ! އެފަދަ ދިރާސާއެއް ކުރެވިފައި ވާ ކަމެއް އަޅުގަނޑު ނުދެނެހުރީމެވެ. އަޅުގަނޑަށް އެނގޭ ކަމަކީ އަޅުގަނޑުގެ ރައްޓެހީންނާއި ދަންނަ މީހުންގެ ތެރޭގައި އެގޮތަށް މެންބަރުން ކައިރިއަށް ސަލާން ޖަހަން ދާ މީހުން، އެހެން ނުދާ މީހުންނަށް ވުރެ މާ ބޮޑަށް ވެސް މަދު ކަމެވެ. އެހެންވިއްޔާ "އަހަރެމެން ކަލޭމެންގެ ފައިސާއިން ކަލޭމެންނަށް ނުކަތާ ވަރުގެ މިންވަރެއް އަމިއްލަޔަށް ނިންމުންތައް ނިންމައިގެން މި ނަގަނީ ކަލޭމެން އަހަރެމެންގެ ކައިރިއަށް ސަލާން ޖަހަން އަންނާތީއޭ" މިހެން މެންބަރަކު ވިދާޅުވުމަކީ ރައްޔިތުންނާ މެދު އިންސާފުވެރި ބަސްފުޅެއް ބާވައެވެ! އަނެއްކާ ފައިސާއަށް ވޯޓު ހޯދަން އަންނަ މަދު ބަޔަކަށް ވޯޓަށް ޓަކައި ފައިސާ ދެނީ ކީއްކުރަން ބާވައެވެ! އެހެން އަންނަ މީހެއްގެ ގާތުގައި "އަހަރެން މި އުޅެނީ ތިޔަ އިދާރާގެ ރައްޔިތުންގެ މަންދޫބަކަށް ވާށޭ، ހަރާމް ގޮތުގައި ރިޝްވަތު ދޭކަށެއް ނޫނޭ" މިހެން ވިދާޅުނުވެވެނީ ކީއްވެގެން ބާވައެވެ!

އަބޫބަކުރުގެފާނުގެ މުސާރަފުޅުގެ ވާހަކައަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް އެނގޭނޭ ވާހަކައެކެވެ. އެކަލޭގެފާނުގެ އެއް މަހުގެ މުސާރަފުޅުން އެ މަހުގެ ހަރަދުތައް ކުރައްވާފައި، އެންމެ ދުވަހަކު ފޮނިކާ އެއްޗެއް ހައްދަވާނޭ މިންވަރު އަނބިކަމަނާ ބާކީ ކުރެއްވިކަން އެނގިވަޑައިގަތުމުން އެ ބާކީ ކުރެވުނު މިންވަރު މުސާރަފުޅުން އުނި ކޮށްލެއްވިއެވެ.

މި ކަހަލަ ވާހަކަތައް ވަނީ އެބޭފުޅުންގެ ކަންފަތްޕުޅުތަކުގެ ހިނދުރިއަށް ޖަހާ ހޮނުގުގުރިތަކެއް ކަމަށެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވާނީ "ތިޔައީ އަބޫބަކުރުގެފާނޭ، އެފަދަ މާތް ބޭފުޅުންނެއް އާދައިގެ އިންސާނުންގެ ތެރެއަކު ނުއުޅޭނެޔޭ" މިހެންނެވެ. އަނެއްބައި ބޭފުޅުން ވިދާޅުވާނީ "ތިޔައީ ދެން މާ ކުރީގެ ގޮތެކޭ، ތިޔައީ އެއިރަށް ރަނގަޅު ވިޔަސް މިހާރަކަށް ކަމުދާނޭ ގޮތެއް ނޫނޭ" މިހެންނެވެ. ބާކީ ތިއްބަވާ ބޭފުޅުން ވިދާޅުވާނީ "އަހަރެމެންނަކަށް ކޮން އަބޫބަކުރެއް އުމަރެއް ހެއްޔޭ" މިހެންނެވެ. ކޮންމެވެސް ސަބަބަކާ ހުރެ އެ މަތިވެރި ނަމޫނާއަށް އަމަލު ނުކުރެވޭ ގޮތް އަބަދުވެސް އޮންނާނީ މެދުވެރި ވެފައެވެ. އެ ގޮތް އެހެންޏާ އަމަލު ކުރެވޭ ވަރަށް ވުރެ ރަނގަޅު ވާނީއެވެ. ނުވަތަ އެއަށް ވުރެ ގޯސް ވާނީއެވެ.

ރައްޔިތުން އެ ބޭފުޅުންނަށް މަންދޫބުކަމުގެ މަގާމު އަރުވަނީ އެ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކެއްގެ މައްޗަށް ބިނާކޮށެވެ. ހުއްޓި ތިއްބަވާ މަނައްސާތަކެއްގެ މައްޗަށް ބިނާ ކޮށެވެ. އެހެންވީމާ މެންބަރަކަށް ރައްޔިތުން ތިމާއަށް ވޯޓު ދިން އިރު ތިމާ ހުރި ޕާޓީ ބަދަލު ކުރެވިގެން ވެސް ނުވާނެއެވެ. ޑީއާރުޕީ މެންބަރަކަށް އެމްޑީޕީއަށް ވެސް ދެވިގެން ނުވާނެއެވެ. އެމްޑީޕީ މެންބަރަކަށް ޕީޕީއެމަށް ވެސް ދެވިގެން ނުވާނެއެވެ. އެހެން ދެވޭނީ ބުއްދީގެ ހަމަތަކާއި، އަދުލާއި އިންސާފު ވެއްޔާ މޮޑެލުމަށް ފަހުއެވެ. އެހެން ހަދާނީ ތިމާގެ ޒަމީރު ނޭވާ ހޮޅިޔަށް އެޅި، ހައްގާއި ބާތިލުގެ ތަފާތު އޮޅި، އަމިއްލަ އެދުމާ ހުރެ ނިވައްތައިގެންފައި ހުރި މީހެކެވެ.
ގެދޮރުގެ އަގުތައް ހުރީ ލިބޭ މުސާރައަށް ވުރެ މަތީގައެވެ. ކާބޯތަކެތީގެ އަގުތައް ހުރީ ލިބޭ މުސާރައިން ކިރިޔަކިރިޔާ ފުއްދައިލެވޭ ވަރަށެވެ. ތައުލީމާއި ސިއްހީ ހިދުމަތްތައް އޮތީ ބޮއްސުން ލައިފައެވެ. ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމު ކުރަން ބޭނުން ވާ ގާނޫނުތަކެއް ނުހެދެއެވެ. އެވަރުން ވެސް ރައްޔިތުންގެ ހަޒާނާއިން ވަކި މިނެއް ހައްދެއް ނުބަލައި ނަގަނީއެވެ. އެއިން ކަމަކަށް ރައްޔިތުންގެ ބަޔަކު ފާޑު ކިޔައިފި ނަމަ، ފާޑު ކިޔާ ރައްޔިތުން ކޯޓަށް ގެންގޮސް، ޖަލަށް ލާން ޖެހޭނެ ކަމަށް ބުނެ ވާހަކަ ވެސް ދައްކަނީއެވެ. އަހަރެމެންގެ އިއްޒަތާއި އަބުރާއި ކަރާމާތޭ ކިޔައިގެން ވާހަކަ ދައްކަނީއެވެ. އިއްޒަތެއް އަހުލާގެއް ނެތް ބަޔަކު ތިމާމެންގެ އިއްޒަތޭ ކަރާމާތޭ ކިޔައިގެން ވާހަކަ ދެއްކުމަކީ ބޮޑު ވެގެންވާ އަނެއް ޖޯކެވެ!މީ ހަގީގަތުގައި ވެސް މަޖިލީހުގެ ބައެއް މެންބަރުންގެ ފުށުން ފެންނަ ކަން ކަމެވެ.

މިހެން ކަންތައް ކުރާ މެންބަރުންނަށް ރައްޔިތުންގެ ވެރިކަން ކޮށް، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބުމުގެ ހައްގެއް ނޯންނާނެއެވެ. ވެރިކަމާ މެދު އަޅުގަނޑުމެން ހަނދާން ކުރަންވީ ޕިއެރޭ ޖޯސެފް ޕްރައުދަން ވިދާޅުވެފައި ވާ ބަސްފުޅުތަކެކެވެ. އޭނާ ލިޔުއްވާފައި ވެއެވެ. "ތިމާމެންގެ މައްޗަށް ވެރިކަން ކުރެވުމުގެ މާނައަކީ، ތިމާމެން ބެލުންތެރި ލޯތަކެއްގެ ދަށުގައި ތިބެން ޖެހުމެވެ. ތިމާމެންގެ ކަންތައްތައް ތަހުގީގު ކުރެވުމެވެ. ތިމާމެންގެ މައްޗަށް ޖާސޫސު ކުރެވުމެވެ. ތިމާމެން އުޅޭނޭ ގޮތްތައް ބުނެދެވުމެވެ. ތިމާމެންގެ މައްޗަށް ގާނޫނުތައް ހަދައި އުޅޭނޭ ނުއުޅޭނޭ ގޮތްތައް ބުނެދެވުމެވެ. ތިމާމެންގެ އަދަދު ގުނެވުމެވެ. ތިމާމެންނަށް ވަދެވޭނޭ ތަންތަނާއި ނުވަދެވޭނޭ ތަންތަން ކިޔައިދެވުމެވެ. ތިމާމެން ގަބޫލު ކުރަން ޖެހޭ ގޮތްތަކާއި ގެންގުޅެން ޖެހޭ އަގީދާތައް ކިޔައިދެވުމެވެ. ތިމާމެންނަށް އަމާޒު ކުރެވޭ ތަގުރީރުތައް އަޑުއަހަން ޖެހުމެވެ. ތިމާމެންގެ ހަރަކާތްތައް ކޮންޓްރޯލު ކުރެވުމެވެ. ތިމާމެން ޗެކް ކުރެވުމެވެ. ތިމާމެންގެ އަގު ކުރެވުމެވެ. ތިމާމެންނަށް ބެލޭނޭ، ކިޔޭނޭ ތަކެއްޗާއި ނުބެލޭނޭ، ނުކިޔޭނޭ ތަކެތި ކަނޑައެޅުމެވެ. ތިމާމެންގެ މައްޗަށް އަމުރާއި ނަހީ އިއްވުމެވެ. މި ހުރިހާ ކަމެއް ކުރާނީ އެކަންތައް ކުރުމުގެ ހައްގު ވެސް އެ ބަޔަކަށް ލިބިގެން ނުވާ، އެކަންތައް ކުރުމަށް ޓަކައި ބޭނުން ވާ ހިކުމަތްތެރިކަމާއި އިލްމާއި ހިލްމު ވެސް އެ ބައެއްގެ ކިބައިގައި ނުވާ، އަދި އެ ކަންތައް ކުރާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ އަހުލާގާއި ތަވާޟުއުވެރިކަން ވެސް އެ ބައެއްގެ ކިބައިގައި ނެތް ބައެކެވެ."

ރާއްޖޭގެ ސިޔާސީ މައިދާނުގެ ކަންތައްތައް ހިނގާ ގޮތާ މެދު ވިސްނައިލުމުން ޕިއެރޭ ޖޯސްފް ޕްރައުދަންގެ މި ބަސްފުޅުގެ ތެދުކަން އަޅުގަނޑަށް އިހުސާސް ކުރެވެއެވެ.